ހުއްދަ ނެގުމަށްފަހު ފިހާރަތައް ނުހުޅުވާ ނަމަ ފިޔަވަޅު އަޅަނީ

މާލޭގެ ފިހާރައަކަށް މުދާ ބާލަނީ: ފޮޓޯ / ހަތާވީސް

ފިހާރަ ހުޅުވުމަށް ހުއްދަ ނެގުމަށްފަހު ފިހާރަ ބަންދުކޮށްފައި ހުންނަކަން ފާހަގަކުރެވިއްޖެއެވެ.

ފުލުހުން ބުނީ ފިހާރަ ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ނެގުމަށްފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، ފިހާރައިގައި މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ފިހާރަތަކުގައި ތިބޭކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެގޮތަށް އަމަލުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

މާލެއިން މިދިޔަ މަހުގެ 15ވަނަ ދުވަހު ކޮވިޑް19 ފެނުމާއި އެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި އާއްމު ރައްޔިތުންގެ ކެއުން ބުއިމަށް ނުވަތަ ޒަރޫރީ ބޭނުމަށް ތަކެތި ގަތުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޫކުރަނީ ފުލުހުންނެވެ. ނަމަވެސް ބައެއް ފިހާރަތައް ބަންދު ކޮށްފައި ހުންނަ ކަމުގެ ޝަކުވާތައް އަންނަނީ ކުރަމުންނެވެ.

މީގެއިތުރުން ރާއްޖެއިން މިހާތަނަށް 700 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް19 ޖެހުނުއިރު އެމީހުންގެ ތެރެއިން އެންމެ ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންނެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ މާލޭގެ ފިހާރަތަކުގައި މަސައްކަތް ކުރާ މީހުންނެވެ.

މިއަދު އެކަނިވެސް 86 މީހުން ރާއްޖެއިން ޕޮޒިޓިވްވިއިރު 60 އަށްވުރެ ގިނަ މީހުންނަކީ އޭގެތެރެއިން ބަންގްލަދޭޝް ރައްޔިތުންނެވެ. މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 734 އަށް އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.