އެމެރިކާގެ ރިޔާސީ ރޭސް ފޯރިގަދަވެ، ބައިޑެންއަށް ޖިންސީ ގޯނާގެ ތުހުމަތު!

އިންތިހާބުގައި ވާދަ ކުރައްވާ ބައިޑެން (ކ) އަދި އޭނާގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން މީހާ (ވ) --

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ވާދަކުރައްވާ ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ޖިންސީ ގޯނާ ކުރި ކަމަށް އަންހެނަކު ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބަށް ފަސް ވަރަކަށް މަހަށްވެފައި ވަނިކޮށް، ބައިޑެންއަށް އެ ތުހުމަތު ކުރީ އޭނާގެ ހިދުމަތުގައި ކުރިން އުޅުނު މުވައްޒަފެއް ކަމަށްވާ، ޓެރަ ރީޑެވެ. މީގެ 27 އަހަރު ކުރިން އެ އަންހެން މީހާއަށް ބައިޑެން ޖިންސީ ގޯނާ ކުރީ ސެނެޓުގެ މެމްބަރުކަން ބައިޑެން އަދާ ކުރެސްވި ދުވަސްވަރު ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަވާރަސަތޭކަ ނުވަދިހަ ދެ ވަނަ އަހަރުން ފެށިގެން ދެ އަހަރުގެ މުއްދަތަށް ބައިޑެން ސެނެޓުގެ މެމްބަރަކަށް އުޅުއްވިއިރު، އެ އަންހެން މީހާއަކީ ސްޓާފް އެސިސްޓެންޓެކެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބައިޑެންއަށް އެ ތުހުމަތުކޮށް، އެ އަންހެން މީހާ ބުނެފައި ވަނީ އެ ތުހުމަތުތަކަށް ބައިޑެން ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ކަމަށެވެ. ނަމަވެސް ބައިޑެން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

އުމުރުން 56 އަހަރުގެ އަންހެން މީހާ ބުނީ ބައިޑެންގެ އެސިސްޓެންޓަކަށް އުޅެނިކޮށް، 1993 ވަނަ އަހަރުގެ އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އެއް ދުވަހު އޭނާ ފާރަށް ކޮއްޕާލައި ގަދަކަމުން ހިފަހައްޓައި، ކަރުދަށުގައި ބޮސްދިން ކަމަށެވެ. އަދި ޖިންސީ ނުގަވަންތަކުގައި ހިފައި، ޖިންސީ ގުޅުން ހިންގަން ހުށަހެޅި ކަމަށް ވެސް އަންހެން މީހާ ބުނެފައިވެއެވެ. ބައިޑެންގެ އެ އަމަލުތަކާ ގުޅޭ ތަފްސީލީ ވާހަކަތަކެއް މީޑިއާތަކަށް އޭނާ ވަނީ ކިޔައިދީފައެވެ.

އުމުރުން 77 އަހަރުގެ ބައިޑެންއާ ދެކޮޅަށް އެފަދަ ތުހުމަތުތަކެއް ކުރުމުން، އޭނާގެ ކެމްޕެއިން ޓީމުން ބުނީ އޭނާ ލައްވާ އެ ވާހަކަތައް ދައްކުވަނީ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ. މި ދުވަސްވަރު އެ ވާހަކަތައް އެ ގޮތަށް ދެއްކުމުގެ އެކަމުގެ ނަފާ އެ އަންހެން މީހާއަށް ލިބޭނެ ކަން އެނގޭ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

 

 

 

ހިޔާލު ދެއްވާ!

Your email address will not be published.