ޕެންޝަން ފަންޑުގެ ބޭނުން ޖެހިގެން އުޅެނީ އޭގެ ހައްގުވެރިން: ސައީދު

މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ސައީދު މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އިތުރު ހަރަދެއް ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އެ ފަންޑުން އެހެން ކަމަކަށް ފައިސާ ނަގާނީ އިތުރު ގޮތެއް ނެތިއްޖެނަމަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕެންޝަން ފަންޑުގެ ބޭނުން ޖެހިގެން އުޅެނީ އޭގެ ހައްގުވެރިން ކަމަށެވެ. ވަޒީފާ ގެއްލި ނިކަމެތިވި އެތައްހާސް އާއިލާއިން އެއާއިލާތަކަށް ގޭގެ ކުލި ނުދެއްކި ކެއިން ބުއިމަށް ދަތިވެފައިވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ރިޓަޔަމަންޓުގެ ކުރިޔަށް މިހާލަތު އިސްވާނެކަން މާބޮޑު ދިރާސާއެއް ނުކުރިޔަސް ކަށަވަރު ވެގެންދާނެ ކަމަށެވެ.

"ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލު" ބަލައިގަނެ ފާސްވުމަކީ އެތައްހާސް އާއިލާއަކަށް ލިބޭނެ ބޮޑު ލުޔެއް،" ދާދިފަހުން މަޖިލީހަށް ސައީދު ހުށަހެޅުއްވި ބިލާއި ގުޅިގެން ސައީދު ވިދާޅުވިއެވެ. ނަމަވެސް އެ ބިލު ފުރިހަމަ ނުވާ ކަމަށްބުނެ ވަނީ މަޖިލީހުން ބޭރުކޮށްފައެވެ. ސައީދު ވަނީ އަލުން އެ ބިލު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި އިއްޔެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންޝަން ފަންޑާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ކަމެއް ދިމާވުމުން ފައިސާ ނެގޭ ގޮތަށް މީގެ ކުރިން ޕްރޮވިޑެންޑް ޕަންޑެއް އޮތް ކަމަށާއި، ނަމަވެސް މިހާރު ރާއްޖޭގައި އޮތީ ޕެންޝަން ފަންޑެއް ކަމަށެވެ. އަދި ޕެންޝަން ފަންޑުން ކުރިއަށް ފައިސާ ނެގުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އާންމު އުސޫލުން ކުރާ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.