ކޮވިޑް19 ގައި ރާއްޖެއިން މަރުވާނެ ކަމަށް ބެލެވުނު އަދަދު 900 އަށް ތިރިވެއްޖެ

ޑރ. ޝީނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑް19 ޖެހިގެން މީގެކުރިން 2،000 މީހުން މަރުވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް މިހާރުގެ ހާލަތަށް ބަލާ އެ އަދަދު 900 އަށް ތިރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 17ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ޑރ. ޝީނާ ވިދާޅުވެފައި ވަނީ ރާއްޖޭގައި ބަލި މީހުންނަށް ހިދުމަތް ދޭނެ ވަރަށް ސިއްހީ ހިދުމަތްތެރިންނާއި އަދި އެހެނިހެން ބައެއް އާލާތްތައްވެސް ނެތް ކަމަށެވެ.

“މިހާރު ދާ ގޮތުން ބައިވަރު އެނދެއް ނެތް. ސިއްހީ ހިދުމަތްތެރިންނެއް ވެސް ނެތް. ހުސް އެނދެއްގައި ބޭއްވިޔަސް ހިދުމަތް ދެވޭކަށް ނެތް. އޭގެ މާނައަކީ މި ހާލަތުގައި ތިބެން ވެއްޖިއްޔާ 2000 އެއްހާ މީހުން މަރުވެގެން ހިނގައިދާނެ” މިދިޔަ މަހުގެ 17ވަނަ ދުވަހު ޑރ.ޝީނާ ވިދާޅުވިއެވެ.

މިރޭ ނޭޝަނަލަ އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޝީނާ ވިދާޅުވީ މިހާރުވެސް ބަލި ޖެހޭ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެނީ ޓެސްޓު ކުރުން ދަށްވުމާއި މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތުމުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން މީގެކުރިން 2،000 މީހުން މަރުވާނެ ކަމަށް ލަފާ ކުރީ އޭރުގެ ހާލަތަށް ބަލާފައި ކަމަށާއި ނަމަވެސް މިހާރުގެ ހާލަތުން ދައްކަނީ ކުރީގެ އަދަދަށްވުރެ 50 ޕަސެންޓު ދަށްވާނެ ކަން ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު އަންދާޒާ ކުރެވެނީ މަރުވާ މީހުންގެ އަދަދު 900 އަށްވުރެ ދަށްވާނެ ކަމަށެވެ.

ރާއްޖެއިން މިއަދު އެކަނިވެސް 30 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ. ޑރ. ޝީނާ ވަނީ ޓެސްޓު ކުރެވޭ މިންވަރު އިތުރުވާ ކަމުގައިވާ ނަމަ ރާއްޖެއިން ކޮންމެ ދުވަހަކުވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *