ޑރ. ޝީނާގެ އަންދާޒާ: ޕީކަށް ދާ ދުވަހު އެކަނިވެސް 1،600 މީހަކަށް ބަލި ޖެހިދާނެ

އެޗްޕީއޭގެ ޑޮކްޓަރު ޝީނާ މޫސާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ރާއްޖެއިން ފެނިފައިވާ މި ދަނޑިވަޅުގައި ރާއްޖެ ޕީކަށް ދާނެ ކަމަށް ބެލެވެނީ މި މަހުގެ 31ގައި ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާގެ އަންދާޒާ ހިއްސާ ކުރައްވަމުން ވިދާޅުވީ މި މަހުގެ 31ގައި ޕީކަށް ގޮސްފި ކަމަށްވާ ނަމަ އެ ދުވަހު އެކަނިވެސް 1،600 މީހަކަށް ކޮވިޑް ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޑރ. ޝީނާ ލަފާކޮށްފައިވާގޮތުން ޕީކް ދުވަހު 12 މީހަކު އައިސީޔޫގައި އެޑްމިޓް ކުރާނެ ކަމަށެވެ. އެ ދުވަހު ޖުމްލަ 101 މީހަކު އައިސީޔޫގައި ތިބޭނެ ކަމަށް ޑރ. ޝީނާ ލަފާ ކުރައްވައެވެ.

ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖެއިން 77،305 މީހުންނަށް ކޮވިޑް19 ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ހާލަތުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރެވޭނެ ކަމަށް ލަފާކުރެވޭ މީހުންގެ ޖުމުލަ އަދަދަކީ 13،568 މީހުން ކަމަށާއި އައިސީޔޫގައި 5805 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ޑރ. ޝީނާ ވަނީ ރާއްޖޭގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭ ނިސްބަތް މަދުވުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް ޓެސްޓް ކުރެވޭލެއް ވަރަށް މަދު. މިހާރު ފެންނަން ޖެހޭނެ 300 ވަރުގެ އިންފެކްޝަން. އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތަށް ބަލާއިރު ޓެސްޓިން ސްޓްރެޓެޖީ އެބަ ޖެހޭ ބަދަލު ކުރަން،" ޑރ.ޝީނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *