ފްރަންޓްލައިން މުވައްޒަފުންނަށް އެލަވަންސް ދިނީ އިދިކޮޅުން ހުށަހަޅާފައިވަނިކޮށް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމާ އެކަން އިއުލާން ކުރީ އިދިކޮޅުން އެކަން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށްކަން އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. އޭނާ ވަނީ އެކަން “ހަތާވީސް އޮންލައިން” އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އިދިކޮޅުން ހުށަހެޅީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށެވެ. އެ ކޮމެޓީއަށް އެކަން ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހަޅާފައިވާ ކޮވިޑް19 އަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ޖެންޑާ ކޮމެޓީން ދިރާސާ ކުރި ރިޕޯޓަށެވެ.

ޝިޔާމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ފްރަންޓުލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑް ރިސްކް އެލަވަންސްގެ ގޮތުގައި ހާއްސަ އެލަވަންސެއް ކަނޑައެޅުމަށެވެ. މީގެއިތުރުންވެސް ޝިޔާމް ވަނީ އިތުރު އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހަކީ މި ހާލަތުގައި ވަޒީފާ ގެއްލި މާލެ އައިސް ދިރިއުޅޭ ރަށަށް އަނބުރާ ނުދެވި ތިބި ފަރާތްތަކަށް އެމީހުންގެ އަތުން ހަރަދުވާ ބައި ސަރުކާރުން ހަމަޖައްސައި ދިނުމެވެ.

މި ދެ އިސްލާހު ޝިޔާމް މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ / މަޖިލިސް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށެވެ.

މި އެލަވަންސްތަކެއް އެއްވެސް ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނުލިބޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކޮވިޑް19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު މިދިޔަ މާޗު މަހުގެ 26ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މި ދަނޑިވަޅުގައި އިސް ސަފަށް ނުކުމެ، ފުރާނަ އަތްމައްޗަށް ލައިގެން ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ. އެ މީހުންނަށް ހާއްސަ ގޮތްތަކެއް ރާވަމުން އަންނަކަމަށް ވިދާޅުވި އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.