ދުވާލަކު ގޮތަކަށް ސަރުކާރުން ވާހަކަ ދެއްކުމަކީ ރޭވުންތެރި ކަމެއް ނެތް ކަމުގެ ހެއްކެތް ކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ހުސައިން މުހައްމަދު ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ހަރުދަނާ ރޭވުންތެރި ކަމެއް ނެތް ކަމުގެ ހެއްކަކީ ދުވާލަކު ގޮތަކަށް ސަރުކާރުން ވާހަކަދައްކަމުން ދިއުން ކަމަށެވެ. ގައުމު ހަމަ މަގަށް އެޅުވޭނީ ތަޖުރިބާ ހުރި ގާބިލް ބޭފުޅަކަށްކަން ފާހަގަކުރައްވާ މެންބަރު ހުސައިން ވިދާޅުވީ އެ ބޭފުޅަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްކަން ޔަގީންކަން ކަމަށެވެ.
Sarukaaruge harudhanaa reyvun therikameh nethumuge hehkkeh dhuvaalaku gothakah vaahaka dhakkamun dhiyumakee. gaumu hama magah elhuveynee ekamuge Thajuribaa hunnevi gaabil beyfulhakah. E’e RY kan Yageen.
— Hussain Mohamed Latheef (@HucenSembe) May 7, 2020
މެންބަރު ހުސައިން މިފަދައިން ވިދާޅުވެފައި މިވަނީ ސަރުކާރު މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާއާ 25،000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ 20،000 ރުފިޔާއާ 25،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ 20 ޕަސެންޓު އަސާސީ މުސާރައިން ކަނޑާލާނެ ކަމަށެވެ. އެހެންނަމަވެސް ދައުލަތުން މުސާރަ ދޭ މީހުންގެ ތެރޭގައި 20،000 ރުފިޔާއިން ވުރެ ދަށުން މުސާރަ ދޭ މުސާރަ އަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ 25،000 ރުފިޔާއާ 60،000 ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ 30 ޕަސެންޓު ކެނޑުމަށް ނިންމާފައިވާ ކަމަށެވެ. އަދި 60،000 ރުފިޔާއިން މަތިން ލިބޭ މީހުންގެ 35 ޕަސެންޓު މުސާރައިން ކެނޑުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މީގެކުރިންވެސް ޑެޕިއުޓީ މިނިސްޓަރުންނަށްވުރެ މަތިން މުސާރަ ލިބޭ ހުރިހާ ފަރާތްތަކެއްގެ މުސާރަތައް ކުޑަ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ދައުލަތުގތެ މާލިއްޔަތަށް ހެޔޮ ބަދަލެއް އައިސްފައި ނުވާ ކަމަށާއި އަދި ކުރިޔަށް އޮތް ތަނުގައިވެސް އަންދާޒާ ކުރެވެނީ އިތުރަށް ހާލަތު ގޯސްވުން ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުން މީގެކުރިން ބުނެފައިވަނީ އެއްވެސް މީހެއްގެ މުސާރަ ކުޑަ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އެހެންކަމުން މިއަދު ސަރުކާރުން ނިންމި ނިންމުމަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.