މަޓީގެ ބަޔާނަކީ ސަރުކާރުގެ ގައިގާ ކޮޅުފައިން ޖެހުން: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ރިލީފް ޕެކޭޖުތަކާއި ގުޅޭ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ އެކުގައި ސަރުކާރުން މަޝްވަރާ ކޮށްފައި ނުވާ ކަމަށްބުނެ އެ ޖަމިއްޔާއިން ސަރުކާރަށް ފާޑު ކިޔައި އިއްޔެ ނެރެފައިވާ ބަޔާނަކީ ސަރުކާރުގެ ގައިގާ ކޮޅުފައިން ޖެހުން ކަމަށް ގަބޫލު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެކި ފަހަރު މަތިން މަޓީގެ ބޭފުޅުންނާއި އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށެވެ. އެގޮތުން ސަރުކާރުން ލިރީފް ޕެކޭޖު އެކުލަވާލުމުގެ ކުރިންވެސް މަޓީއާ އެކުގައި މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށާއި އެގޮތުގެ މަތިން ލޮކްޑައުންގެ ކުރިން ތިން ފަހަރެއްގެ މަތިން މަޝްވަރާ ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން އެތައް ބައިވަރު ޖަމިއްޔާތަކުގެ އިސް ބޭފުޅުން ވަޑައިގެންނެވި، އެބޭފުޅުންނާ މަޝްވަރާ ވެސް ކުރެވެނު. މި ރިލީފް ޕެކޭޖު ނެރޭ ވާހަކަ، އަޅުގަނޑުގެ މިނިސްޓްރީގައި ދެކެވުނު. މީގެ ތަފްސީލު ވެސް ހާމަކުރެވުނު. ހުރިހާ ބޭފުޅުން ފާހަގަކުރެއްވި މަދު ކަމަށް ވެސް." މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މަޓީއާ އެކުގައި ކުރިޔަށްދިޔަ ބައްދަލުވުންތަކުގައި  8000 ރުފިޔާ ނުވަތަ 10،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ މުވައްޒަފުންގެ މުސާރަ އެއްގޮތަކަށް ވެސް ނުކަނޑާ، އޭގެ މަތިން ބައެއް މީހުންގެ މުސާރަ ކެނޑުމަށްފަހު އޭޕްރީލް މަހުގައި އެއްވެސް މީހެއްގެ މުސާރަ ނުކަނޑާ ގޮތަށް ރިސޯޓުތަކުގެ ދެ ކުއާޓާގެ ކުލި ފަސްކޮށްދިނުމަށް ވެސް މަޓީން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށެވެ.

ނަމަވެސް ސަރުކާރުން އޭގެ ބަދަލުގައި ހުށަހެޅީ އެއް ކުއާޓަރުގެ ކުލި ފަސްކޮށްދިނުމަށާއި މަޓީގެ މެމްބަރުން އެކަމަށް އެއްބަސްވާނެ ކަމަށް އެ ޖަމިއްޔާއިން ބުނުމުން ރަސްމީ ސިޓީއެއް ފޮނުއްވެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދެން މަޓީން އެދުނީ މުސާރަ ކުޑަކުރާ މީހުން ވެސް ހިމެނޭ ގޮތަށް ހުރިހާ އެންމެންނަށް ވެސް ސަރުކާރުގެ އެހީގެ ޕެކޭޖުން ފައިސާ ދިނުމަށް ކަމަށާއި ނަމަވެސް އެކަން ކުރެވެން ނެތްކަން މަޓީ އަށް އަންގާފައިވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މަޓީއިން އެ ނެރުނު ބަޔާނަކީ މިވަގުތު، މި ހާލަތުގައި ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުމޭ އަޅުގަނޑު ދަންނަވާނީ،" ފައްޔާޒު ވިދާޅުވިއެވެ.

މަޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ކޮވިޑް 19 އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވާ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި، "ރިލީފް ޕެކޭޖް"ގެ ތެރެއިން ޓޫރިޒަމަށް ހާއްސަ ރިލީފް ޕެކޭޖް ކަނޑައެޅީ އެ ޖަމިއްޔާއާ މަޝްވަރާ ނުކޮށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *