20 ބަންގްލަދޭޝް މީހުންނާއި އެކު ޖުމްލަ 24 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ޓެސްޓު ކުރަނީ: ފޮޓޯ / ޕޮލިސް

ރާއްޖެއިން ކޮވިޑް19 އަށް 24 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ބަންގްލަދޭޝް 20 މީހަކާއި ތިން ދިވެހިންނާއި އިންޑިއާ އަށް ނިސްބަތްވާ ރައްޔިތަކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި 24 މީހުންނާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 642 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ. މި ބައްޔަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހުނު ދެ މީހަކު ވަނީ ރާއްޖެއިން މަރުވެސް ވެފައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.