ސިއްހީ މާހިރުން ހުއްދަ ދީފި ނަމަ ޖުލައި މަހު ބޯޑަރު ހުޅުވުމަށް ވިސްނަނީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މިވަގުތު ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތް ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެއް ބޯޑަރު ބަންދު ކޮށްފައި ނުބޭއްވޭނެ ކަމަށާއި އެހެންކަމުން ސިއްހީ މާހިރުން ހުއްދަ ދެއްވައިފި ނަމަ ޖުލައި މަހު ބޯޑަރު ހުޅުވާލުމަށް ވިސްނާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބޯޑަރު ހުޅުވާލަނީ ރާއްޖޭގެ އިގްތިސޯދު މިހާރުގެ ހާލަތުން އަރައިގަތުމަށް ކަމަށެވެ. އެހެންނަމަވެސް ހަމަ ބޯޑަރު ހުޅުވާލި ނަމަވެސް އިގްތިސޯދު ރަނގަޅުވާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދުނިޔޭގެ މިހާރު ހާލަތަށްވެސް ބަލާ އިގްތިސޯދު ހަމައަކަށް އެޅުމަށް އަހަރެއް ނުވަތަ ދޮޅު އަހަރެއްވަރު ނަގާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގެ މައި ނާރު ކަމަށްވާ ފަތުރުވެރިކަން މިހާރު މިއޮތް ހާލަތުގައި އަބަދު ނޯންނާނެ ކަމަށެވެ. ފަތުރުވެރިކަން ކުރިޔަށްވެސް ދާނެ ކަމަށާއި ޓޫރިޒަމް އިން ދައުލަތަށް އަދިވެސް ނަފާ ވާނެ ދުވަސް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވެކްސިނެއް ޓްރީޓުމަންޓެއް ނުފެނުނަސް ޓޫރިޒަމް ކޮންމެވެސް ސިފައެއްގައި ކުރިޔަށް ދާނެ. އަޅުގަނޑުމެން ދިރިއުޅޭ ގޮތް ނުވަތަ ވިޔަފާރި ކުރާ ގޮތްތަކަށް ބަދަލުތަކެއް އައިސްދާނެ. އަނބުރާ ޓޫރިޒަމްގެ ނަފާ ހޯދޭ ހިސާބަށް ދަންދެން އިގްތިސޯދު ހިފަހައްޓަންޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.

މިހާރުގެ ހާލަތުން އަރައިގަނެ ރާއްޖޭގެ އިގްތިސޯދު މިއޮތް ހާލަތުގައިވެސް ހިފެހެއްޓުމަށް މަދުވެގެން 10 ވަރަކަށް ބިލިއަން ސްޓިއުމިލިއަސް އެއް ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމަށް ބޭނުންވާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާތައް ހިފެހެއްޓި ބަނގުރޫޓުވާ އެތައް ވިޔަފާރިއަކަށް އެހީވެވޭނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވެސް އަންނަނީ ވިޔަފާރިތަކަށް ލޯނުތައް ދޫކުރަމުންނެވެ. އެގޮތުން މިހާރުވެސް ރިލީފް ލޯނުން 70 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެސްއެމްއީ ބޭންކުން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 1167 ލޯނު އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރިތަކުން ހުށަހަޅާފައިވާ 764 އެޕްލިކޭޝަނާއި އަމިއްލަ މަސައްކަތްކުރާ މީހުންގެ 403 އެޕްލިކޭޝަން އެވެ.

Leave a Reply

Your email address will not be published.