ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މުސާރަތައް 32 ޕަސެންޓު ކުޑަކުރަނީ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނޫސްވެރިންގެ ބައްދަލުވުމުގައި: ފޮޓީޯ / ރައީސް އޮފީސް

ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރައާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މުސާރަތައް 32 ޕަސެންޓު ކުޑަ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ސަރުކާރު ކުންފުނިތަކުގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރުންގެ މުސާރަވެސް މީގެ ކުރިން ކުޑަކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން، އެ ފަރާތްތަކުގެ އަސާސީ މުސާރައިން 22 ޕަސެންޓު އުނިކޮށް، ބޯޑު އެލަވެެންސްގެ ގޮތުގައި ލިބޭ 11،500 ރުފިޔާ ކަނޑާލާފައިވާ ކަމަށެވެ.

ކުންފުނިތަކުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރާއިރު 20،000 ރުފިޔާއިން މަތިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ 20،000 ރުފިޔާއާ 25،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ ލިބޭ މީހުންގެ މުސާރަ 20 ޕަސެންޓު އަސާސީ މުސާރައިން ކަނޑާލާނެ ކަމަށެވެ.  އެހެންނަމަވެސް ދައުލަތުން މުސާރަ ދޭ މީހުންގެ ތެރޭގައި 20،000 ރުފިޔާއިން ވުރެ ދަށުން މުސާރަ ދޭ މުސާރަ އަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ 25،000 ރުފިޔާއާ 60،000 ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ 30 ޕަސެންޓު ކެނޑުމަށް ނިންމާފައިވާ ކަމަށެވެ. އަދި 60،000 ރުފިޔާއިން މަތިން ލިބޭ މީހުންގެ 35 ޕަސެންޓު މުސާރައިން ކެނޑުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މުސާރައަށް މި ގެންނަ ބަދަލާއެކު ދައުލަތުގެ މާލިއްޔާއިން މަހެއްގެ މައްޗަށް 15 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.