ފެން ހިންދުމުގެ ނިޒާމު ވަރުގަދަ ކުރަން 16 މިލިއަން ޑޮލަރުގެ އެހީއެއް

ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގެއްގައި ފެން ބޮޑުވެފައި ---

ކާރިސާ ތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރު ކުރުމަށްޓަކައި ވޯލްޑް ބޭންކުން ރާއްޖެ އަށް 16.5 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

ވޯލްޑް ބޭންކުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މި އެހީގެ އެއްބަސްވުމުގައި މިދިޔަ ހަފުތާގައި ޑިޖިޓަލްކޮށް ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. ވޯލްޑް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ޑރ. އައިޑާ ސްވަރާއީ-ރިޑިހޯއެވެ.

މި އެހީއަކީ "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓު އެންޑް ރިސައިލަންސް ޕްރޮޖެކްޓު" ގެ ދަށުން މާލޭގެ ފެން ހިނދުމުގެ މާލޭގައި ފެން ހިންދުމުގެ ނިޒާމުގެ ފެންވަރު މަތި ކުރުމަށް ވޯލްޑް ބޭންކް އިން ރާއްޖެއަށް ދިން އެހީއެކެވެ.

މާލޭގެ ފެންހިންދުމުގެ ނިޒާމަކީ، 40 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އަދި ބޭނުން ނުހިފޭ ހާލަތުގައިވާ ނިޒާމެކެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވެހުނު ވާރޭގެ ނިޞްބަތް އިތުރުވަމުން ގޮސްފައިވާއިރު، ފެންހިންދާ ހޮޅިތައް ހަލާކުވެފައިވުމާއި ބެދިފައިވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވުމުގެ އެތައް ހާދިސާތަކަކާ ކުރިމަތިލާންޖެހިފައިވެއެވެ. މި ހާދިސާތަކުގެ ސަބަބުން، ވިޔަފާރިތަކަށާއި މަގުމަތީގެ ޓްރެފިކަށް އަސަރުކޮށް، ގިނަ އަދަދެއްގެ މުދަލަށް ގެއްލުން ލިބިފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ނަރުދަމާގެ ނިޒާމް މެދުވެރިކޮށް ހިންދޭ ފެން ރައްކާތެރި ގޮތުގައި ނައްތާލުމަށްޓަކައި ބޭނުންވާ ސޫވޭޖް ޓްރީޓްމަންޓް ޕްލާންޓެއް، ހުޅުމާލޭގައި ގާއިމް ކުރާނެއެވެ.

ވޯލްޑް ބޭންކް އިން ބުނީ ހުޅުމާލޭގައި ގާއިމްކުރާ އެ ޕްލާންޓްގެ ސަބަބުން، ރައްކާތެރި ނޫން ގޮތުގައި އުކާލެވޭ ފެން މޫދަށް އެޅުން މަދުވެ، ސިއްހީ ނުރައްކާތައް ކުޑަވާނެ ކަމަށެވެ. އަދި ވެށި ކިލަބުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވެވޭނެ ކަމަށެވެ.

ތޮށްޖެހިފައިވާ ސިޓީތަކުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް ވޯލްޑް ބޭންކް އިން ބުނީ ސަރަހައްދީ ހަބުތައް ގާއިމްކޮށް ތޮށްޖެހުން ކުޑަކުރުމަށް އަމާޒުކުރެވޭ ގެދޮރުވެރިކުރުމުގެ ސިޔާސަތުތައް ވެގެންދާނީ ގުދުރަތީ ކާރިސާތަކާއި ބަލިމަޑުކަން ފަދަ ކަންކަމުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާ ދެކޮޅަށް މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެހީތެރިވެ ދިނުމުގެ ގޮތުން، ދުރާލާ އިންޒާރުދޭ ޒަމާނީ ނިޒާމެއް ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަ ކުރުމަށްޓަކައި ވެސް މަސައްކަތް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާއިރު، ފެންހިންދުމުގެ ނިޒާމްގެ ފެންވަރު ރަނގަޅުކޮށް، ވާރޭފެން ރައްކާކުރުމުގެ ސަބަބުން ހަމައެކަނި އިތުރުވެގެން ދާނީ ރަށްރަށުގައި ލިބެން ހުންނަ މީރު ފެނުގެ މިންވަރު ނޫން ކަމަށް ވޯލްޑް ބޭންކް އިން ބުންޏެވެ. ބޮޑެތި އާބާދީތައް ދިރިއުޅޭ ސަރަޙައްދުތަކުގައި އަލިފާން ނިއްވުމުގައި ބޭނުންކުރަން ހުންނަ ފެނުގެ ނިސްބަތްވެސް މިއާއިއެކު އިތުރުވެގެންދާނެ ކަމަށް ވޯލްޑް ބޭންކް އިން ބުންޏެވެ.

ވޯލްޑް ބޭންކް އިން ބުނީ "އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ މާލެ އަދި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއި އެކު، ޕްލޭނިން މިނިސްޓްރީން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.