އާއްމު ހާލަތަށް ރުޖޫއުވެ އިގްތިސޯދު އާރާސްތު ކުރުމަށް ގައުމީ ޓާސްކް ފޯހެއް

ކޮވިޑް19 އާއި ގުޅިގެން ބާއްވާ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ- ރައީސް އޮފީސް

ނުރައްކާތެރި ކޮވިޑް19 ވައިރަހުން އަރައިގަނެ ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ހާލަތު އާރާސްތު ކުރުމަށް ގައުމީ ފެންވަރުގައި ކުރާނެ މަސައްކަތްތައް ރާވާ، ވިލަރެސްކޮށް، ހިންގާނެ ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ނަމުގައި ޓާސްކްފޯސް އެއް އުފެއްދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. މި ޓާސްކް ފޯހަކީ މިދިޔަ މަހުގެ 13ވަނަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމެއްގައި ނިންމާފައިވާ ނިންމުމެކެވެ.

ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ޓާސްކްފޯސްގެ މައިގަނޑު މަގުސަދަކީ މިހާރު ދިމާވެފައިވާ ހާލަތުން، އިގްތިސޯދީ އަވަސް ރިކަވަރީ އަކަށް ވާސިލުވެ، އަދި އިގްތިސޯދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ހިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި އެ ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެ މަސައްކަތަކީ ސަރުކާރާ، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި ހެދުން ކަަމަށް ރައީސް އޮފީހުން ބުންޏެވެ.

ނެޝަނަލް ޓާސްކްފޯސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯސް ގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތިން މަސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވެ. އެއީ:

* ވާރކިންގް ގްރޫޕް އޮން ފައިނޭންސް
* ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ
* ވާރކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރ

ފައިނޭންސް ވާކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓު ރީޕްރައިރަޓައިޒް ކުރުމާ އަދި ކޮވިޑް19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ހަރަދުތައް އަންދާޒާކޮށް، އާމްދަނީ އަށް އަންނާނެ ބަދަލުތައް ދެނެގަނެ، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ބަޖެޓު ހިންގުމަށް ބޭނުންވާނެ ފައިސާގެ މިންވަރުތައް ދެނެގަތުމެވެ. އަދި ހަމަމިއާއެކު، އެ ފައިސާ ހޯދުމަށް، ބައިލެޓަރަލް، މަލްޓިލެޓަރަލް އަދި މިނޫންވެސް އެހެނިހެން ޕާޓްނަރުންނާއެކު މަސައްކަތް ކުރުމެވެ. ހަމައެހެންމެ، ސަރުކާރަށް މިހާތަނަށް ނަގާފައިވާ ބޭރުގެ ދަރަނި އަދާކުރުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސް ލުއި ގޮތްތަކެއް ހޯދުމެވެ. ފައިނޭންސް ވާކިންގް ގްރޫޕްގެ މަސައްކަތް ބެހިގެންދާނީ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ މައްޗަށެވެ.

އިކޮނިމިކް ރިކަވަރީ ވާރކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ އިގްތިސޯދީ ގޮތުން އައިސްފައިވާ މަޑުޖެހުމާއި އެކު، ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި އަމިއްލަ ގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު، އެފަދަ ވިޔަފާރިތަކަށް ރިލީފް ޕެކޭޖުތަކެއް ޑިޒައިންކޮށް ފޯރުކޮށްދިނުމާއި އަދި މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ތައާރަފްކޮށް ހިންގުމެވެ. ހަމަ އެއާއެކު، ވަޒީފާގެ މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބެނިފިޓް ސްކީމުތައް ހިންގުމާއެކު މެދު ރާސްތާގައި ދިވެހިންނަށް ވަޒީފާގެ ބާޒާރުން އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރެވިދާން ކަންކަން ނިންމާ ހިންގުމެވެ. ހަމަ އެއާއެކު، މިހާރުން މިހާރަށްވެސް، އިގްތިސާދުގެ ބިންގާ ފުޅާ ކުރުމަށް ކުރެވިދާނެ އިތުރު އިގްތިސޯދީ ހަރަކާތްތައް ހޯދާ، އެކަންކަން ކުރިއަށް ގެންދިއުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމެވެ. އަދި ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން، ހާލަތު ތަންދޭކަމުގައިވާ ނަމަ، ފަތުރުވެރިކަމާ އަދި އެހެނިހެން ދާއިރާތައް ހުޅުވާލުމުގައި ވިސްނަންޖެހޭނެ ކަންކަމާ، ނިންމަންޖެހޭ ނިންމުންތައް ނިންމާ އެފަދަ ހިސާބަކަށް ދިއުމަށް ހަދަން ޖެހޭ ޕްލޭންތައް ހަދާ، އެކަންކަން ތަންފީޒުކުރުމެވެ.

ސޯޝަލް ސެކްޓާ ގްރޫޕުގެ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާ ގެއްލުމާ، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާ އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވެ، މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާ އަދި ގެވެށި އަނިޔާއިން ސަލާމަތް ވުމަށާ ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާވިސަސް ގެ ހަރަކާތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާ، އެފަރާތްތަކުގެ ތެރެއިން އަނބުރާ ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހައްލުތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ ވާކިން ގްރޫޕްތަކުގެ އެކި މަސައްކަތްތަކަކީ މިހާރުވެސް އެކި އެކި ގޮތްގޮތުން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ޓާސްކްފޯސްގެ ތެރެއިން މި މަސައްކަތްތަކުގައި ކަމާގުޅޭ އިތުރު ފަރާތްތަކުގެ ބައިވެރިވުން ހިމަނާ، ފުރިހަމަ ގޮތުގައި ވިލަރެސް ކުރެވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެދުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *