އަމީނާ ވަނީ އަންހެނުންގެ ކުރިއެރުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފަ: އެމްޑީޕީ

އަންނަބީލާ އަމީނާ މުޙައްމަދު އަމީން

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ދަރިކަނބަލުން އަންނަބީލާ އަމީނާ މުޙައްމަދު އަމީނަކީ އިޖްތިމާޢީ ކަން ކަމަށާއި އަންހެން ކަނބަލުންގެ ކުރިއެރުމަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކަނބަލެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

އަމީނާ އަވަހާރަވުމުގެ ހިތާމައިގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކަމަނާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ފުންހިތާމާގައި އެ ޕާޓީން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

އަމީނާއަށް ފިރިހެން ދެ ދަރިކަލުންނާއި އަންހެން ދެ ދަރިކަނބަލުން ލިބިވަޑައިގަތްއިރު، އޭގެތެރެއިން އަމީން ފައިޞަލަކީ، ރައީސް ނަޝީދުގެ ވެރިކަމުގެ މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި އޮނަރަބަލް ފަރަހަނާޒް ފައިޞަލްއަކީ މިވަގުތު އިގިރޭސިވަލާތަށް ކަނޑައަޅުއްވާފައިވާ ދިވެހި ސަފީރެވެ.

އަންނަބީލާ އަމީނާ މުޙައްމަދު އަމީނަކީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައިގަތް ހަމައެކަނި ދަރިކަނބަލުންނެވެ. އެކަމަނާ ވަނީ ސަރުކާރަށް ޚިދުމަތްކޮށްދެއްވުމުގެ އިތުރުން 1980 އިން 1989 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން ވެސް އަދާކުރައްވާފައެވެ.

"އަންނަބީލާ އަމީނާ މުޙައްމަދު އަމީނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުމަށް މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވާހިނދު، އެ މަރުޙޫމާގެ އާޢިލާއަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމެވެ. އާމީން"އެމްޑީޕީގެ ނޫސްބަޔާނުގައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.