އެމްއެމްޕީއާރްސީ މައްސަލަ ތަހުގީގުކޮށް ހަގީގީ ބައިވެރިން ހާމަކުރޭ، ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ ބޭ އިންސާފެއް

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަ އަވަހަށް ތަހުގީގުކޮށް އެކަމުގައި ބައިވެރިވި ހަގީގީ ފަރާތްތައް ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު އަދިވެސް ފުރިހަމަ ނުވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ފުރިހަމަވި ކަމަށްވާ ނަމަ އެ މައްސަލައާ ގުޅިގެން މިއަދު ޖަލު ހުކުމެއް ތަންފީޒު ކުރެވެމުންދާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

“އަޅުގަނޑުމެންނަށް މި އިނގެނީ އެމްއެމްޕީއާރްސީގެ މައްސަލަ އަދި ފުރިހަމަ ނުވާކަން. އެކަމަކު މިއަދު ރައީސް ޔާމީން އެ އޮންނެވީ އެމްއެމްޕީއާރްސީގެ މައްސަލައެއްގައި ޖަލުގައި. އެހެންވީމަ އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރެވުނީމަ އަޅުގަނޑު ގަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީން ޖަލުގައި އޮންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ،” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ ވާހަކައާ އެ މައްސަލައިގެ ތަހުގީގުތަކުގެ ވާހަކަތައް ދައްކަމުން ގެންދާ ފަރާތްތަކުން އެ ވާހަކަ ދައްކަނީ މިއަދު ވެރިކަން ކުރާ ފަރާތުގެ މެދުގައި އުފެދިފައި ދެ ފެކްޝަނުގެ ތެރޭގައި އޮތް ނުތަނަވަސް ކަމެއްގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

“އެހެންވީމަ އަޅުގަނޑުވެސް ގޮވާލަން އެމްއެމްޕީއާރްސީގެ މައްސަލަ ވީހާވެސް އަވަހަކަށް އެ މައްސަލަ ތަހުގީގުކޮށް އެ މައްސަލާގައި ހަގީގީ ބައިވެރިންނަކީ ކޮބައިކަން ރައްޔިތުންނަށް އަންގާ އެފަރާތްތަކަށް ދެވެން ޖެހޭ އަދަބު ދެވެން ޖެހޭނެ،” ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުމި ހުރިހާ ކަމަކުންވެސް އެނގިގެން ދަނީ ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ތަހުގީގަކަށް އުފުލުނު ދައުވާ އަކާއި ދިމާ ނުވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.