އައިޖީއެމްއެޗް އަށް ގެންދިޔަ މާބަނޑު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

އައިޖީއެމްއެޗް-

ސަރުކާރު މައި ހޮސްޕިޓަލު އައިޖީއެމްއެޗް އަށް މިއަދު ވިހަން ގެންދިޔަ މާބަނޑު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމީހާ ޕޮޒިޓިވްވެފައި ވަނީ އައިޖީއެމްއެޗުގައި މިހާރު އޮންނަ ޕްރޮޓޮކޯލްގެ ދަށުން އެ ހޮސްޕިޓަލަށް ގެނައުމުން ކޮވިޑް އަށް ޓެސްޓު ކުރުމުންނެވެ. އައިޖީއެމްއެޗް އަށް މިހާރު ކޮންމެ ކަމަކު ޑޮކްޓަރަށް ދައްކަން ދިޔަ ނަމަވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެއެވެ.

މި އަންހެން މީހާ ކޮވިޑް19 އަށް ޕޮޒިޓިވްވުމުން މިހާރު އެ މީހާ ވަނީ ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެކުރިންވެސް ވަނީ މާބަނޑު މީހަކަށް ކޮވިޑް19 ޖެހިފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން މިއީ މި ބައްޔަށް ޕޮޒިޓިވްވި ދެވަނަ މާބަނޑު މީހާއެވެ. އެނގިފައިވާ ގޮތުގައި އެމީހާ އަކީ މިއަދު ޕޮޒިޓިވްވި 44 މީހުންގެ ތެރެއިން މީހެކެވެ. އެ މީހުންގެ ތެރެއިން 8 ދިވެހިން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 618 އަށް މިވަނީ އަރާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ. މި ބައްޔަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހުނު ދެ މީހަކު ވަނީ ރާއްޖެއިން މަރުވެސް ވެފައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *