އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެއްސަކު ރާއްޖެ ގެންނަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް އޮންލައިން

އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެއަށް ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. އެ 9 ސިޓީއަކީ ޕަންޖާބާއި ކަލްކަތާއާ ގުރްގުއާނާއި ރިޝިކޭޝްއާ ދިއްލީއާ ވެއްލޫރާއި ޗެންނާނީއާ ޓްރިވެންޑްރަމް އަދި ކޮޗިންއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެމީހުން ގެންނާނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ކަމަށެވެ. ފްލައިޓް ދަތުރުކުރާނީ މާލެއިން ދިއްލީ އަށް އަދި ޓްރިވެންޑްރަމް އިން މާލެ އަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ފްލައިޓް ޖައްސާ ދެ ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެ ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއާޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ ފްލައިޓްއިން ދަތުރުކުރާ ފަރާތްތަކުން އަންނާނީ ޓިކެޓް ގަނެގެން ކަމަށާއި ޓިކެޓިންގެ މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވިއަން އިން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެއެވެ.

ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއަށް މިފަދަ ފްލައިޓްތައް ބާއްވާނެ ކަމަށާއި ނަމަވެސް ހާލަތާ ގުޅޭ ގޮތުން ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.