އިތުރު 44 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ, ޖުމްލަ އަދަދު 600 އަށްވުރެ މައްޗަށް

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ރާއްޖެއިން އިތުރު 44 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ 34 ބަންގްލަދޭޝް މީހަކާއި 8 ދިވެއްސަކާއި އިންޑިއާ ދެ މީހަކު ކޮވިޑް19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހުންނަކީ މީގެކުރިން ޕޮޒިޓިވްވި މީހުންނާއި ގުޅުމެއްވާ ބައެއް ކަމެއް އަދި ނޭނގެއެވެ.

މި މީހުންނާއި އެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 618 އަށް މިވަނީ އަރާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ. މި ބައްޔަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާއިރު މި ބަލި ޖެހުނު ދެ މީހަކު ވަނީ ރާއްޖެއިން މަރުވެސް ވެފައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *