ސީއެސްއާރުގެ ގޮތުގައި ހިންގި ހިޔާނާތް އެމްއެމްޕީއާރްސީ އަށްވުރެ ބޮޑު: މަވޯޓާ

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) : ފޮޓޯ / މަޖިލިސް

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނަތަށްވުރެ ބޮޑު ހިޔާނާތެއް ތަހުގީގު ނުކޮށްވާ ކަމަށާއި އެކަން ތަހުގީގު ކުރުމަށް ގޮވާލާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ކުރީގެ ސަރުކާރަކުން މަޖިލިސް މެންބަރުންނަށް ސީއެސްއާރުގެ ދަށުން ރާއްޖޭގެ ފަޅު ރަށްތައް ދީފައިވާ ކަމަށެވެ. އެފަދައިން އެތައް ބަޔަކަށް ރަށްތައް ދީފައިވާ ކަމަށާއި އެކަމަކީ އެމްއެމްޕީއާރްސީގެ ކުރިން ހިނގި ކަމެއް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ކުރި ފަޅައިގެން އައީސްވެސް އޭގެ ތެރެއިން ކަމަށް ޝަރީފް ވިދާޅުވިއެވެ.

“އެ ހިޔާނާތުގެ މުގުލުގެ ތެރެއިން އައި މައްސަލައެއް އެމްއެމްޕީއާރްސީއަކީ. އެހެންވީމަ އެ ސީއެސްއާރުގެ މައްސަލައިން ފަށައިގެން އަލުން ބަލުން ފަށައިގެން މި ދެ މައްސަލައިގެ ތެރެއިން ގެއްލިފައި ހުރި ހުރިހާ ފައިސާއެއް ދައުލަތަށް އަތުލުމަކީ ނުހަނު އެދޭ ކަމަށް އިއްޒަތްތެރި ރައީސް،” ޝަރީފް ވިދާޅުވިއެވެ.

ސީއެސްއާރުގެ ގޮތުގައި ފަޅުރަށްތައް ދިން މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތައްވުރެ ބޮޑު ހިޔާނާތެއްކަން ތަކުރާރުކޮށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ހިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލިގެން ދިޔަ ފައިސާއާ އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލިގެން ދިޔަ ފައިސާ ވެސް ދައުލަތަށް ހޯދަން ޖެހޭ ކަމަށެވެ.

އޭނާގެ އެވާހަކަ މެދުކަނޑާލައްވާ ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ނިޒާމީ ނުކުތާއެއް ނަންގަވާ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ޝަރީފު ވާހަކަ ދައްކަވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. ޝަރީފު ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތު ރިޔާސަތުން ދެއްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ.

ޝަރީފުގެ ވާހަކައިގައި އެ ވިދާޅުވާ ރަށްތަކުގެ ވާހަކައަކީ ކޮން ސަރުކާރަކުން ދިން ރަށްތަކެއް ކަމަށް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބައެއް މަޖިލިސް މެންބަރުންނާއި އަދި ތަފާތު އެކި މަސައްކަތް ކުރުމަށް ސަރުކާރާއި އެކު އެއްބަސްވުންތައް އެކުލަވާލި ކުންފުނިތަކަށް ފަޅުރަށްތައް ދިން ކަމަށްވެއެވެ. އެ މައްސަލައަކީ އެއް އިރެއްގައި ވަރަް ބޮޑުވެގެން ދިޔަ މައްސަލައެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.