އިދިކޮޅުގެ ސިޓީއެއް އޭޖީއަށް: ކައުންސިލަރުންގެ ދައުރު ދަންމާލުމާއި ގުޅޭ ލަފައެއް ދެއްވާ!

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޮ / އަވަސް

ލޯކަލް ކައުންސިލްތަކުގެ ދައުރު ދިގު ދަންމާ ބިލާއި ގުޅޭ ގޮތުން ލަފައެއް ދެއްވުމަށް އެދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ ލަފައަކަށް އެދިއްޖެއެވެ.

އިދިކޮޅުން އޭޖީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޮމިޓީ މަރުޙަލާގައި ވާ "ދިވެހިރާއްޖެގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލް ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލް 2020" އެކުލަވާލެވިފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ކަނޑައެޅިގެން ހިލާފަށް ކަމަށާއި، އަދި ގާނޫނުއަސާސީގައި ލޯކަލް ކައުންސިލްތަކުގެ ދައުރު ކަނޑައެޅި ބަޔާންވެފައި ވަނިކޮށް މަޖިލީހުން ފާސް ކުރާ އާންމު ގާނޫނަކުން، ކައުންސިލްތަކުގެ ދައުރަށް ބަދަލު ގެނައުމަކީ ކުރެވިދާނެކަމެއް ކަމަށް އެ ކޯލިޝަނަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ސިއްހީ ކާރިސާގެ ސަބަބުން، ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވިދާނެ ކަމަށް އެ ކޯލިޝަނަށް ވެސް ގަބޫލެއް ނުކުރެވޭ ކަމަށް އިދިކޮޅުގެ ސިޓީގައިވެއެވެ.

އެހެންނަމަވެސް އެފަދަ ހާލަތެއްގައިވެސް ގާނޫނުއަސާސީއާއި ހިލާފަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ބަދަލުކޮށް އަމަލު ކުރުމަކީވެސް ދިވެހިރާއްޖޭގައި އަމަލު ކުރެވެމުންދާ ދުސްތޫރީ ނިޒާމަށް އޭގެން ނެދެވޭ އަސަރުތަކެއް ކުރިމަތި ކުރުވާފާނެ ކަމެއްކަމުގައި ބެލެވޭ ހިނދު، އެކަމުގައި އަމަލު ކުރަންވީ ގޮތުގެ ލަފާ އެރުވުމަކީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ޙައްސިއްޔަތުން އެ ބިލާއި ގުޅޭ ގޮތުން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގެ ގާނޫނީ ލަފާފުޅެއް ދެއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ.

އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެއް ކުރުމަށް ހުރަސް އެޅޭ ހާލަތުގައި ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ ގޮތުގެ ލަފާފުޅެއް ވެސް ދެއްވުން އެދޭ ކަމަށް އޭޖީއަށް އިދިކޮޅު ކޯލިޝަނުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން މިގޮތަށް ހުށަހަޅާފައިވާއިރު ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުން އެންމެ ފުރަތަމަ ހުށަހެޅީ ވެސް ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުންނަށް މި ދަނޑިވަޅަކީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫނެވެ. އެހެންކަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވީ ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށެވެ.

އިދިކޮޅު ކޯލިޝަނުން ދާދިފަހުން ނެރުނު ބަޔާނެއްގައި ވެސް ވަނީ ލޯކަލް ކައުންސިލްތަކުގެ ދައުރު ދިގު ދަންމާ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައެޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *