ރައްޔިތުން އެންމެ ބޭނުންވި ދުވަހު ޤާސިމް ކޮބާ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފެންކަޅިވެފައި-- ފޮޓޯ/ މިހާރު

ދީލަތި ބޭފުޅެކެވެ. ހިތްތިރި ބޭފުޅެކެވެ. އޯގާތެރި ބޭފުޅެކެވެ. ދީނަށް ލޯބި ކުރައްވާ ބޭފުޅެކެވެ. މިއީ ފަގީރެއްގެ ގޮތުގައި ބޮޑުވެ، އަމިއްލަ މަސައްކަތުން ތަނަވަސްކަން ހޯއްދެވި ޤާސިމް އިބްރާހިމަށް “ހެޔޮވަރު” ތައުރީފުތަކެކެވެ. ނަަމަވެސް މިއަދު މި ވާހަކަތައް އެމަނިކުފާނަށް ރައްދުކޮށްލާނެ ބަޔަކު ނެތެވެ. ގިނަ ބަޔަކު އެމަނިކުފާނަށް ރައްދު ކުރަނީ މަލާމާތެވެ. ކުރަނީ ނަފްރަތެވެ.

ރުޅިވެރިކަމާ އެކު ގާސިމަށް ބަދު ބަސް ރައްދު ކުރަމުންދަނީ އޭނާގެ ކުންފުނިތަކުގައި ވަޒީފާއަދާ ކުރާ މުވައްޒަފުންނެވެ. ވަޒީފާ ގެއްލި މަގުމަތިވެފައިވާ އޭނާގެ މުވައްޒަފުންނެވެ. ރާއްޖޭގެ އިގްތިސާދުގައި ބޮޑު ހިއްސާއެއް އަދާ ކުރާ ގާސިމްގެ ކުންފުނިތަކުގައި 5،000 ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ. ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ތައުލީމާއި ކޮންސްޓްރަކްޝަނާއި ވައިގެ ދަތުރުފަތުރައި ވެސް އޭނާގެ މުވައްޒަފުންނެވެ.

ފަސް ރިސޯޓު ހިންގަމުންދާ ގާސިމްގެ ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކޮށް، މުސާރަތައް ކުޑަކުރަން ފެށީ މިދިޔަ އަހަރުއެވެ. އޭރު ކޮވިޑް19 ދުނިޔޭގައި ނުވެސް ފެތުރެއެވެ. ނަމަވެސް ރާއްޖެއަށް މި ބަލި ފޯރިއިރު، އޭނާގެ ކުންފުނިތަކުގެ ހާލަތު ވަނީ ބޮއްސުންލާފައެވެ. މުވައްޒަފުން ވަނީ މަގުމަތިކޮށްފައެވެ. ތިބި މުވައްޒަފުންނަށް މަހަކު މިހާރު ލިބެނީ ހާހެއްހާ ރުފިޔައެވެ. ބައެއް ކުންފުނިތައް ވަނީ އެއްކޮށް ހުއްޓާލާފައެވެ.

ސުވާލަކީ މިހާ ހިސާބަށް ގާސިމް ދިޔައީ ކީއްވެގެން ހެއްޔެވެ؟ ވިޔަފާރި ކޮޅަށް ޖަހަން އެތައް އަހަރެއް ވަންދެން ގަދައަޅައި މަސައްކަތް ކުރި މުވައްޒަފުން މަގުމަތި ކުރީ ކީއްވެގެން ހެއްޔެވެ؟ އެ ނޫން ގޮތެއް ނެތީތޯއެވެ؟ ގާސިމްގެ ވިޔަފާރިއަށް ބައި ގަރުނު ފުރެން ކައިރިވީއިރު، މުސާރަ ދޭނެ ލާރި ހަމަ ނެތީ ހެއްޔެވެ؟ 44 އަހަރު ވަންދެން ވިޔަފާރި ކުރައްވައި، އަރަނި ކުރި ފައިސާ ކޮބައިތޯއެވެ؟ އެންމެ ދީލަތި މީހާ ތި ހެދީ ކިހިނެއް ހެއްޔެވެ؟ ރައްޔިތުން އެންމެ ބޭނުންވި ދުވަހު މަނިކުފާނު ކޮބާ ހެއްޔެވެ؟ ބަސް ބުނާނެ ހިތްވަރު ވެސް ނެތީ ހެއްޔެވެ؟ ޖުމްހޫރީ ޕާޓީ ވެސް އޮތީ މަނިކުފާނާ އެކު “ހުއްޓިފަ” ހެއްޔެވެ؟ މާމިގިލީ ދާއިރާއިން އިންތިހާބު ކުރި ގޮނޑި ފަޅުވީ ހެއްޔެވެ؟ މަޖިލީހުގައި ވެސް އެއްޗެއް ބުނަން ބޭނުން ނުވަނީ ތޯއެވެ؟

ރާއްޖެ ނުދެކޭ ބޮޑު އިގްތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މަނިކުފާނަށް ވީ ގޮތް އެނގެންޖެހެއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ގާސިމް އެހެރީ ސަން އައިލެންޑްގައި މަސްކައްކާ ރިހާކުރު ހެދުމަށް. އެއީ ކަމަށް ބެލެވެނީ ރައީސް ކަމަށް އަންނަން ބޭނުންވާ މީހަކަށް މިވަގުތު ދިވެހި ރާއްޖެ އަށް ކޮށްދެވޭނެ އެންމެ މުހިންމު ކަމަކީ. ލަދުން ބޯހަލާކު. އަދި ކޮބާ އެމަސްކޮޅާ ރިހާކުރުވެސް މުވައްޒަފުންނަށް ވިއްކަނީ ބޮޑު އަގުގައި. ކިހާ ތާހިރު ތޯ؟ މުސާރަ ނުދީ އަދިވެސް މިބަލަނީ މުވައްޒަފުން ފެލޭތޯ.

ހިޔާލު ދެއްވާ!

Your email address will not be published.