މަރުވި ބިދޭސީ މީހާ މަސައްކަތް ކުރީ ކަޅުތުއްކަލާ ކޮށީގައި

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވުމުން މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

މިއަދު މަރުވި ކޮވިޑް ޖެހިފައިވާ ބަންގުލަދޭޝް މީހާ އަކީ ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ އެމީހާއަކީ ކަޅުތުއްކަލާ ކޮށީގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އެމީހާއާ ގުޅިގެން 69 މީހަކު ކޮންޓެކްޓު ޓްރޭސިން އިން ފާހަގަވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު މަރުވި ނަމަވެސް އެމީހާ މަރުވީ ކޮވިޑް19 ގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށް އެ މީހާ ބެލި ޑޮކްޓަރުން މިއަދު ވަނީ ވިދާޅުވެފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު ފައިޒާން ވިދާޅުވީ އެމީހާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން ކަމަށެވެ. ނަމަވެސް އެމީހަކީ “ކޮވިޑް ރިލޭޓެޑް ޕޭޝަންޓެއް” ކަމަށް ޑރ. ފައިޒާން ވިދާޅުވިއެވެ. ޑރ. ފައިޒާން ވިދާޅުވީ އެމީހާ މަރުވީ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށެވެ. އެކަން އެގޮތަށް ދިމާވީ އުފެދުމުގައި ހުރި ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.

އެހެންކަމުން ބޮޑަށް ބެލެވެނީ އެމީހާ އަށް ދިމާވި ކަމަކީ މީގެކުރިންވެސް ދިމާވެފައިވާ ކަމެއްގެ ގޮތުގައި ކަމަށް ޑރ. ފައިޒާން ވިދާޅުވިއެވެ. މަރުވި މީހާގެ ހަށިގަނޑުން ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާ ބަލިވުމުގެ ކުރިން ކޮވިޑް އަލާމާތްތަކެއް މިފަހުން ނަމަވެސް އޭނާގެ ކިބައިން ފެނުނުތޯ ބަލަމުން އަންނަ ކަމަށް ޑރ. ފައިޒާން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *