އިންސާފުވެރިކަމާ އެކު ގިނަ ބަޔަކަށް ލިބޭނެ ގޮތަށް ކަދުރު ބަހާނަން: މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު: ފޮޓޯ / ރައީސް އޮފީސް

ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ އަރަބިއާ އިން ހަދިޔާ ކުރި ކަދުރު ގިނަ ބަޔަކަށް ލިބޭނެ ގޮތަށް އިންސާފުވެރިކަމާއި އެކުގައި ބަހާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ސައުދީ އިން ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ 50 މެޓްރިކް ޓަނުގެ ކަދުރު ކަމަށެވެ. އެއީ 25،000 ކަދުރު ޕެކެޓެވެ. ކޮންމެ ޕެކެޓެއްގައި ދެ ކިލޯ ހުރެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ކަދުރުގެ ތެރެއިން 50 ކޭސް ކަދުރު ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ބެލުމުގެ ދަށުން ބެހުމަށާއި ބާކީ ހުރި 2450 ކޭސް ނުވަތަ 24،500 ކަދުރު ޕެކެޓު މިނިސްޓްރީގެ ބެލުމުގެ ދަށުން އެ މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ބެހުމަށް އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

މިދިޔަ އަހަރު ރާއްޖޭގައި 63،102 ގޭބިސީ ހުރި ކަމަށާއި ނަމަވެސް ސައުދީން މިފަހަރު ފޮނުވި ކަދުރު ޕެކެޓުތަކަކީ އެ އަދަދަށްވުރެ މަދު އަދަދަކަށް ވުމުން މިއަހަރު ފޮނުވި ކަދުރުތައް ބެހުމުގައި އެންމެ އިސްކަމެއް ފުރަތަމަ ދިނީ ފަގީރުންނަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އެއަށްފަހު ކޮންމެ 100 ގޭބީސީ އަކަށް 33 ޕެކެޓު ކަދުރު ދިނުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިއްޔެގެ ނިޔަލަށް 78 ރަށަކަށް ޖުމްލަ 9567 ކަދުރު ޕެކެޓު ހަދިޔާ ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. 103 ރަށަކަށް ކަދުރު ނުފޮނުވި ވަނީއެ ކަދުރުތަކާއި ހަވާލުވާނެ ފަރާތެއް ނެތުމުން ކަމަށްވެސް ބުންޏެވެ. އެގޮތުން ހަވާލު ނުކުރެވި 8577 ޕެކެޓު ކަދުރު އެބަހުރި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް 1881 ޕެކެޓު ކަދުރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އެޗްޑީސީ އާ ހަވާލު ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލެ އާއި ވިލިމާލޭގައި ކަދުރު ބަހަން ނިންމާފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ސިޓީކައުންސިލް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ އެ ކަދުރުތައް ބަހާނެ ގޮތަކާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މާލެ އާއި ވިލިމާލޭގެ ރައްޔިތުންނަށް ބެހުމަށް 2903 ޕެކެޓު ކަދުރު އެބަހުރި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ފަގީރުންނަށް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މެދުވެރިކޮށް 426 ގޭބީސީ އަކަށް ކަދުރު ބަހާފައިވާނެ ކަމަށާއި މީގެ އިތުރަށް އެއްވެސް ކަދުރެއް އެ މިނިސްޓްރީ އާއި ހަވާލުކޮށްގެން ބަހާފައި ނުވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް، ރަމަޟާން މަހަށް މިނިސްޓްރީ އަށް ލިބިފައިވާ ކަދުރު، މަސައްކަތުގެ ގޮތުން އެކަހެރިވެފައި ތިބި ފެސިލިޓީތަކަށާއި ކަރަންޓީނުކޮށްފައި އަދި އެކަހެރިކޮށްފައި މީހުން ތިބި ފެސިލިޓީތަކަށާއި އަދި މީގެ އިތުރުން ސަރުކާރުގެ ބެލުމުގެ ދަށުގައި ހާލުގައި ޖެހިފައިވާ ބިދޭސިން ތިބި ފެސިލިޓީތަކަށް ދިނުމަކީ މި ހާލަތުގައި މުހިއްމުކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، މިހާތަނަށް ކަދުރާ ހަވާލުވާނެ ފަރާތެއް ފޮނުވާފައި ނުވާ ކައުންސިލްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 17:00 ގެ ކުރިން ކަދުރާ ހަވާލުވާނެ ފަރާތެއް އިސްލާމިކް މިނިސްޓްރީ އަށް ފޮނުވުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ. މިނިސްޓްރީ އިން ބުނީ މި ކަދުރު ވީހާވެސް އިންސާފުވެރިކަމާއެކު ރައްޔިތުންނާ ހަވާލުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.