ކޮވިޑާ ގުޅިގެން މެމްބަރުން ދެއްވި އިރުޝާދުތައް ރައީސަށް ފޮނުވަން ނިންމައިފި

ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެބޭފުޅުން ސަލާމް ކުރައްވަނީ --

ކޮވިޑް19އާ ގުޅިގެން މަޖިލީހުން ފާސްކުރި ރިޕޯޓުގައިވާ މަޖިލިސް މެމްބަރުންގެ އިރުޝާދުތަކާއި ސަރުކާރުން އަމަލު ކުރަންވީ ގޮތުގެ ތަސައްވަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުގެ 11 ކޮމެޓީއަކުން ދިރާސާކޮށް ކޮމެޓީ ރިޕޯޓުތައް ތަޅުމަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. އޭގެތެރެއިން ހަތަރު ކޮމެޓީއެއްގެ ރިޕޯޓު ވަނީ މަޖިލީހުން ފާސްކޮށްފައެވެ.

އެ ރިޕޯޓުތަކުގައި ރާއްޖެއަށް ދިމާވެފައިވާ މާލީ އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ. އެކަންކަމާއި ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތަކުން މައުލޫމާތު ސާފުކޮށް ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި ދައުލަތުގެ އާމްދަނީ އަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީ އަށް ވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ގޮތްތައް ހިމަނާފައިވެއެވެ.

އެ ރިޕޯޓުތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލޭނެ ކަމަށް ލަފާ ކޮށްފައިވާ މިންވަރާއި އެކަމުގެ ސަބަބުން ކުރިމަތިވާނެ އިޖުތިމާއީ މައްސަލަތަކާއި ބޯހިޔާވަހިކަން ގެއްލޭނެ މިންވަރާއި އެކަންކަން ގޮސްދާނެ މިސްރާބަކާއި ގުޅޭ ދިރާސާތައް ވެސް ހަދާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި މާލެއާ އެހެން ރަށްރަށުގައި ބަންދުވެފައި ތިބި މީހުންނާއި ވަޒީފާ ގެއްލޭ ފަރާތްތަކާއި ބޯހިޔާވަހިކަން ގެއްލޭ ފަރާތްތަކަށް އެހީވާނެ ގޮތްތައް ވެސް އެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.

މި ރިޕޯޓުތައް އެކުލަވާލުމުގައި ދައުލަތުގެ މުއައްސަސާތަކާއި ވަކިވަކި ފަރުދުންގެ ތަފާތު ވަސީލަތްތައް މެދުވެރިކޮ ހޯދާފައިވާ ކަމަށާއި އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާއި، އަމިއްލި ވިޔަފާރިތަކާއި އަދި ވަކިވަކި ފަރުދުންގެ ފަރާތުން މައުލޫމާތު ހޯދާފައިވާ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

އެ ރިޕޯޓުތަކުގައި ހިމެނޭ ކޮމިޓީތަކުގެ ހުށަހެޅުންތަކާއި، އެ ހުށަހެޅުންތަކުގެ އަމާޒަށް ބަލާއިރު، އެ ރިޕޯޓުތައް ސިފަކޮށް ދެނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޮޑު މުސީބާތުން އަރައިގަތުމަށްޓަކައި، ރައްޔިތުންގެ ވަކީލުންގެ ލަފައާއި އިރުޝާދުތައް ކަމަށް މަޖިލީހުން ބުނެއެވެ. އަދި، އެ ރިޕޯޓުތަކުން ދައްކުވައި ދެނީ، ސަރުކާރުން އަމަލުކުރަންވީ ގޮތުގެ ތަސައްވަރެއް ކަމަށާއި އެ ރިޕޯޓުތަކުގެ ބޭނުމަކީ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުންފުޅަކީ، ކޮވިޑް19 އާ ގުޅިގެން ދިވެހިރާއްޖޭގައި މިހާރު އޮތް ހާލަތާ ގުޅޭގޮތުން ސަރުކާރަށް ލަފައެއް އެރުވުން ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަން ގަސްދުކުރާ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހަށް ފެންނަ ގޮތެއް ސަރުކާރުގައި ދެންނެވުން ކަމަށެވެ.

އެގޮތުން އެ ރިޕޯޓުތަކާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުން، އެ ރިޕޯޓުތަކުގައި ހިމެނޭ ކޮމިޓީތަކުގެ ހޯދުންތަކާއި، ހުށަހެޅުންތަކާއި، އެ ހުށަހެޅުންތަކުގެ އަމާޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިއަށް ފޮނުއްވާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.