އިޝާންގެ ބަސް: މިއީ ބޭނުންހާ ގޮތަކަށް އުޅެފަ ދާން އޮތްތަނެއް ނޫން

ވީޑިއޯ ކޯލް މެދުވެރިކޮށް އިޝާނާ އިންޓަވިއު ކުރަނީ

މިއުޒިކާ ދުރުވެ، ލަވަ ކިޔުން ހުއްޓާލީ ދުނިޔެއަކީ ބޭނުންހާ ގޮތަކަށް އުޅެފަ ދާން އޮތް ތަނެއް ނޫންކަން އެނގުމުން ކަމަށް މޯލްޑިވިއަަން އައިޑޮލް އިން މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ، މުހައްމަދު އިޝާން ބުނެފިއެވެ.

އިޝާން ލަވަކިޔުން ހުއްޓާލުމުން، ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ވަނީ އޭނާއާ އިންޓަވިއުކޮށްފައެވެ. ވީޑިއޯ ކޯލް މެދުވެރިކޮށް، އިޝާން ވަނީ އަލީ ރަމީޒު ކުރި ސުވާލުތަކަށް މިއަދު ޖަވާބުދީފައެވެ. އިސްލާމް ދީނުގެ ހިދާޔަތު ފެތުރުމުގެ މަސައްކަތް ކުރާ ޖަމިއްޔަތުއް ސަލަފުގެ އޮޕަރޭޝަން މެނޭޖަރުކަން ވެސް ކުރައްވާ ޢަލީ ރަމީޒު ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އެ އިންޓަވިއު އާންމުކޮށްފައެވެ.

އަލީ ރަމީޒު އެންމެ ފުރަތަމަ އިޝާނާ ކުރި ސުވާލަކީ ލަވަ ކިޔުން ހުއްޓާލީ ކީއްވެގެންތޯއެވެ؟

ޖަވާބުގައި އިޝާން ބުނީ މިއުޒިކު ކުޅޭތީ އަބަދުވެސް ހިތުގައި ނުތަނަވަސްކަމެއް އޮންނަ ކަމަށެވެ. އެގޮތުން އެއްފަހަރަކު ރޯދަ މަހެއްގައި ރިސޯޓަކަށް މިއުޒިކު ކުޅެން ގޮސް އުޅެނިކޮށް، އުނދަގޫވާ އިހްސާސުތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ހެނދުނު ހޭލައިގެން ރޯދަ ވީއްލުމާ ހަމައަށް ވަރަށް އުފާވެރިކޮށް، ދިރިއުޅުންދާ ކަމަށާއި ނަމަވެސް ރޭގަނޑު މިއުޒިކު ކުޅެފައި، ޝޯ ނިންމާފައި ހިތުގައި ހިތްނުތަނަވަސްކަން އަންނަ ކަމަށް އިޝާން ބުންޏެވެ.

އޭނާ ބުނީ ފަހުން ދީނީ ކަންތައްތައް ހޯދައި ބަލައި، ދަސްކުރަން ފެށުމުން އޭނާއަށް ތެދުމަގު ލިބުނު ކަމަށެވެ.

“ދީނީ ކަންތައްތައް ވެސް އެވަރަށް ސްޓަޑީ ކުރަންފެށީ. ދަސްކުރަން ފެށީ. ދަސްކުރަން ފެށީމަ ވާނުވާ މި އެނގެނީ. މިއީ އާދައިގެ ކަމެއް ނޫނޭ ދުނިޔެމީ. ބޭނުންހާ ގޮތަކަށް އުޅެފަ ދާން އޮތް ތަނެއް ނޫންކަން. އެ ހިސާބުން އޭތި ދޫކޮށްލާކަށް މާ ބޮޑު ތަކުލީފަކަށް ނުވި،” އިޝާން ބުންޏެވެ.

އިޝާނާ ކުރި އިންޓަވިއުގެ ޔޫޓިބް ލިންކު އަލީ ރަމީޒު ވަނީ ޓްވީޓުކޮށްފައި

ހިޔާލު ދެއްވާ!

Your email address will not be published.