މަޖިލިސް ރައީސް ގަސްތަކަށް ފެން ދެއްވުމުގައި!

ނަޝީދު މަޖިލިސް ގޯތި ތެރޭގައި ހުރި ގަސްތަކަށް ފެން ދެއްވަނީ --

އަބަދުވެސް ވިދާޅުވެއެވެ. މާ "އަބުއި" ވެގެން އުޅުމަކީ އެމަނިކުފާނު ގަޔާވާ ކަމެއް ނޫން ކަމުގައެވެ. އަބަދުވެސް އުޅެން ބޭނުންފުޅު ވަނީ ރައްޔިތުންނާއި އެކީގައި އެންމެ އާދައިގެ ދިރިއުޅުމުގައި ކަމަށް އެމަނިކުފާނު އަންނަނީ ވިދާޅުވަމުންނެވެ. ރާއްޖޭގެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް އަބަދުވެސް އާއްމު ރައްޔިތުންނާއި އެކު އެ ރައްޔިތުން ކުރާ މަސައްކަތެއްގައި ބައިވެރިވެވަޑައިގަންނަވައެވެ. މިއީ މިއަދު ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެ ދިވެހި ރައްޔިތުން ލޯބިވާ ސަބަބުތަކެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްގެ ލަގަބަކީ ނުވަތަ މަގާމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރުތަކުގެ ތެރެއިން ދެވަނަ ބާރެވެ. މަގާމުގެ ބަލާއިރު ބޮޑު އަދި އެހާމެ މަސްއޫލިއްޔަތުވެސް ބޮޑު މަގާމެކެވެ. އެހެންނަމަވެސް އެމަނިކުފާނު ރައްޔިތުން މަޖިލިސް ހިންގަވާ ގޮތަކީ މި ފަހުގެ ތާރީހެއްގައި މަޖިލީހުގެ ރައީސަކު ޖަލްސާ ކުރިޔަށް ގެންދަވާ ގޮތެއް ނޫނެވެ. އެކަމާއި ބައެއް މެންބަރުންނާއި އެމަނިކުފާނާއި ދެކޮޅު ބައެއް މީހުން ފާޑު ވެސް ކިޔައެވެ.

ކޮވިޑް19 ރާއްޖެއިން ފެނިފައިވާ މި ދަނޑިވަޅު މަޖިލިސް ތަޅުމުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭ ގޮތެއް ނުވިއެވެ. ނަމަވެސް މަޖިލިސް ބަންދު ކޮށްފައި އޮތުމަކީ އެއްވެސް ހާލަތެއްގައި މަޖިލީހުގެ ރައީސް ބޭނުންފުޅުވާ ކަމެއް ނޫނެވެ. އެހެންކަމުން އެމަނިކުފާނު އަންނަނީ މަޖިލިސް ގަވާއިދުގައި މަޖިލިސް އޮންނާނެ ކަމަށް ބަޔާންކޮށްފައިވާ ހޯމަ، އަންގާރަ އަދި ބުދަ މި ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ބާއްވާ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދަމުންނެވެ. ޖަލްސާތައް ބާއްވަނީ މެންބަރުން ގޭގައި ތިއްބަވައިގެން ކަމަށްވީ ނަމަވެސް ނަޝީދު އިންނަވަނީ މަޖިލީހުގައެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުސްވަގުތު ކޮޅުގައި ނަޝީދު މިއަދު ކުރެއްވި މަސައްކަތްޕުޅު ސޯޝަލް މީޑިއާގައި އެބަ ދައުރުވެއެވެ. ފެންނަނީ މަޖިލީހުގެ ގޯތި ތެރޭގައި ހުރި ގަސްތަކަށް ފެންދޭ މަންޒަރެވެ. އަބަދުވެސް ނަޝީދަކީ ތިމާވެއްޓާއި ގަސްގަހާއި ގެއްސަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ތިމާވެއްޓާއި ގުޅިގެން އެމަނިކުފާނު ކުރައްވާ މަސައްކަތާއި އެކު އެމަނިކުފާނުގެ ވެރިކަމުގައި "ދަ އައިލެންޑު ޕްރެޒިޑެންޓު" މިނަމުގައި ޑޮކިއުމަންޓްރީ ފިލްމެއްވެސް ވަނީ އުފައްދާފައެވެ. ތިމާވެއްޓާއި ގުޅުން ހުންނަ ކަންކަމުގައި ކުރައްވާފައިވާ މަސައްކަތްތަކާއި ގުޅިގެން ތަފާތު އެކިފަހަރު އެކި އެވޯޑުތައް ވެސް ލިބިލައްވާފައިވާ ރައީސް މުހައްމަދު ނަޝީދު ވަނީ އައްޑޫ ސިޓީގައި އެމަނިކުފާނުގެ އޮފީހެއް ވެސް ހުޅުވާފައެވެ. އެ އޮފީހުން ވެސް މުޅިން ކުރައްވާނީ ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތްތަކެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ރައީސް ނަޝީދު ވަނީ މަޖިލީހުގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ނިންމާފައެވެ. ރައީސް ނަޝީދު ބޭނުންފުޅު ވަނީ ވީހާވެސް ތިމާވެއްޓާއި ރައްޓެހި ގޮތުގައި މަޖިލީހުގެ ކަންކަން އިންތިޒާމް ކުރުމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.