މަގުތައް ފަޅުވެ، މިތަކެއްޗަށް މާލެ ހިތަކަށް ލިބިފައި!

ހުޅުމާލެ މަގުތަކުގައި ކުކުޅު (ކ) އަދި މާލެ އެއް ނަމްބަރު ފާލަން ކައިރީގައި މާކަނާތައް: މާލެ ސިޓީއަށް ވަނީ ހިމޭންކަން ވެރިވެފައި

މިއީ ދުވަހަކު ވެސް ފެންނާނެ ކަމަށް އުންމީދު ކުރި މަންޒަރުތަކެއް ނޫނެވެ. މިފަދަ ދިރޭ ބައެއް ޖަނަވާރުތައައް އުޅެން ބޭނުންވަނީ އިންސާނުންނާ ދުރުގައެވެ. އެފަދަ އެއްޗެހި އުޅެނީ ވެސް އިންސާނުންނާ ވަކިން، މުޅިން އެހެން މާހައުލެއްގައެވެ. ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާ އެކު ގިނަ ބަޔަކު ގޭގައި ބަންދުވެފައިވުމުން މަގުތައް ވަނީ ފަޅުވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވެރިރަށް މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން މީގެ ކުރިން ނުފެންނަ ބައެއް މަންޒަރުތައް އެބަ ފެނެއެވެ.

އެމްއެމްއޭ ސަރަހައްދު، އެއް ނަމްބަރު ފާލަން ކައިރީގައި މާކަނާތައް

މާކަނާތައް އެއް ނަމްބަރު ފާލަމަށް

މި މާކަނާތަކަކީ ކުރިން މާރުކޭޓް ސަރަހައްދުގައި އުޅޭ މާކަނާތަކެކެވެ. މަސްވެރިން މަސް ކާންދޭތީވެ، އެ މާކަނާތައް އެ ސަރަހައްދުގައި އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެދާނެއެވެ. ގާތްގަނޑަކަށް 12 ވަރަކަށް މާކަނާ އެ ސަރައްދަށް ތިރިކުރެއެވެ. ނަމަވެސް މަސް މާރުކޭޓް ބަންދުކުރުމާ އެކު، ގިނަ މަސްވެރިން އެ ސަރަހައްދަށް ކައިރިއެއް ނުކުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާކަނާތަކަށް މަސް ކާންދޭނެ މަސްވެރިން މަދުވެއްޖެއެވެ. އެއާއެކު މާކަނާތައް މިހާރު މިސްރާބު ޖަހާފައި ވަނީ އެއް ނަމްބަރު ފާލަން ސަރަހައްދަށެވެ. ލަފާ އުޅަނދުތައް ކައިރިކޮށް، ދުއްވާ އެއްޗެހިން ފުނިޖެހިފައިވާ އެ ސަރަހައްދަށް މާކަނާތައް ތިރިކުރަން ފެށީ މީހުންގެ ހަރަކާތްތައް މަދުވުމުންނެވެ. ނަމަވެސް އެތަނުގައި ތިބެގެން އެ އެއްޗެއްސަށް ބަޔަކު ކާންދޭ ކަމެއް ނޭނގެއެވެ.

ހުޅުމާލެ މަގުތަކުގައި ކުޅުޅާއި ފިޔޮއް

ހުޅުމާލެ މަގުތަކުގައި ކުކުޅު

ހުޅުމާލޭގައި ކުކުޅު ގެންގުޅެނީ ފަތާފެންގަނޑު ކައިރީގައި ހުންނަ ބިދޭސީން ގެންގުޅޭ ތަނެއްގައެވެ. އެތަނުގައި ގެންގުޅޭ ކުކުޅުތައް ހުންނަނީ މަގުމައްޗަށް ދޫކޮށްލާފައެވެ. ލޮކްޑައުނާ އެކު މާލޭގެ ފަސް ވަނަ އަވަހަށް، ހުޅުމާލެއަށް ވެރިވެފައިވާ ހިމޭންކަމާއެކު އެ ކުކުޅުތައް ހުޅުމާލެ އެހެން މަގުތަކަށް ވެސް މިހާރު ނުކުމެ އުޅެއެވެ. ހަމައެކަނި ކުޅުޅެއް ނޫނެވެ. ފިޔޮކާއި ހާލަށް ހުޅުމާލެ ލިބިފައި ވަނީ ހިތަކަށެވެ.

ކޮތަރުތަކަށް މަގުތައް ހިތަކަށް ލިބިފައި

އާންމުކޮށް ޖުމްހޫރީ މައިދާނަށް ތިރިކުރާ ކޮތަރުތައް މާލޭގެ ގިނަ މަގުތަކަށް އެއްފަހަރާ ގިނަ އަދަދަކަށް މިހާރު ތިރިކުރެއެވެ. ސަބަބަކީ ލޮކްޑައުންނާއެކު މާލޭގެ ކާރުބާރުކަން ކުޑަވެ، ދުއްވާ އެއްޗެހި ދުވުން މަދުވުމުންނެވެ. މަގުތަކަށް ހަނޑޫ ނުވަތަ މުގު އެޅުމުން އެތަކެތި އެތަންތަނަށް ތިރިކުރުން ވަނީ އާންމުވެފައެވެ. އެ ތަކެއްޗަށް ކާންދިނުމަކީ ގޭގައި ބަންދުވެފައި ތިބި މީހުންނަށް ލިބޭ އުފަލެކެވެ. ބެލްކަނިތަކުން މަގުތަކަށް އަޅާލާ ހަނޑުލާ އެކު، ކޮތަރުތަކަށް މީގެ ކުރިން ނުލިބޭ މިނިވަންކަމާއެކު ކާން ލިބުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ދޮރާ ހިސާބަށް ނުކުމެ، ހަނޑުކޮޅެއް އަޅާލައިގެން އެތަކެތި އުފަލާއެކު ކާތަން ބަލާލުމަކީ މީހުންގެ ހިތަށް ވެސް ލިބޭ ފިނިކަމަކަށް ނޫނީ ނުވާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.