ބިދޭސީ މީހާ މަރުވީ ކޮވިޑް19 ގެ ސަބަބުން ކަމަށް ނުބެލެވޭ

އައިޖީއެމްއެޗުގެ ޑޮކްޓަރު ފައިޒާން: ފޮޓޯ / ރައީސް އޮފީސް

މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު މަރުވި ނަމަވެސް އެމީހާ މަރުވީ ކޮވިޑް19 ގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެއިން މަރުވީ ބަންގްލަދޭޝް މީހެކެވެ. އެމީހާ އަކީ ވެސް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހެކެވެ. އެމީހާއަށް ފަރުވާ ދިނުމުގައި އިސްކޮށް އުޅުއްވީ އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު ފައިޒާންއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ފައިޒާން ވިދާޅުވީ އެމީހާ މަރުވީ ސިކުނޑިއަށް ލޭ އެޅިގެން ކަމަށެވެ. ނަމަވެސް އެމީހަކީ “ކޮވިޑް ރިލޭޓެޑް ޕޭޝަންޓެއް” ކަމަށް ޑރ. ފައިޒާން ވިދާޅުވިއެވެ. ޑރ. ފައިޒާން ވިދާޅުވީ އެމީހާ މަރުވީ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށެވެ. އެކަން އެގޮތަށް ދިމާވީ އުފެދުމުގައި ހުރި ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.

އެހެންކަމުން ބޮޑަށް ބެލެވެނީ އެމީހާ އަށް ދިމާވި ކަމަކީ މީގެކުރިންވެސް ދިމާވެފައިވާ ކަމެއްގެ ގޮތުގައި ކަމަށް ޑރ. ފައިޒާން ވިދާޅުވިއެވެ. މަރުވި މީހާގެ ހަށިގަނޑުން ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާ ބަލިވުމުގެ ކުރިން ކޮވިޑް އަލާމާތްތަކެއް މިފަހުން ނަމަވެސް އޭނާގެ ކިބައިން ފެނުނުތޯ ބަލަމުން އަންނަ ކަމަށް ޑރ. ފައިޒާން ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.