ސައީދު ހުށަހެޅުއްވި "ކޮވިޑް19 އެހީގެ ބިލު" އެޖެންޑާއެއް ނުކުރި

Saeed
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު:/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

"ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް"ގެ ނަމުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހަޅެއްވި ބިލު އެޖެންޑާއެއް ނުކުރިއެވެ.

އެ ބިލު އެޖެންޑާ ނުކުރީ ގަވާއިދަށް ވެސް ނުފެތޭތީ ކަމަށް ބުނެއެވެ. އެ ބިލާއި ގުޅޭ ގޮތުން ދައުލަތުގެ ވާހަކަދައްކަވަމުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސައީދު ހުށަހެޅުއްވި ބިލުގައި ދައުލަތުގެ އާމްދަނީ އާއި ހަރަދާއި މާލިއްޔަށް އަސަރު ކުރާނެ ސީދާ ކަންކަން ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެ ބިލު އެޖެންޑާ ކުރެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ ދައުލަތުން ޓެކުހެއް ނަގަން ޖެހޭ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނި އިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ އެއްވެސް ބިލެއް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށެވެ.

ސައީދުގެ ބިލު އަލުން ހުށަހަޅަން ބުނީ އެ ބިލުގައި އެފަދަ ކަންކަން ނުވަތަ މާއްދާތައް ހިމެނޭތީ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ މާއްދާތައް އިސްލާހު ކުރުމުން މަޖިލީހަށް ބިލު ހުށަހެޅިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސައީދު ވަނީ އޭނާގެ ބިލު އެޖެންޑާ ނުކުރެއްވުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.