އިތުރު 6 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 551 އަށް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން މިއަދު ކުރި ޓްވީޓެއްގައި ވަނީ 10 މީހަކު ޕޮޒިޓިވްވި ކަމަށެވެ. ނަމަވެސް އެއީ މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނޫސްވެރިންނާއި ބައްދަލުކުރިއިރު ޕޮޒިޓިވްވި ކަމަށް ބުނާ ހަތަރު މީހުންނާއި ލައިގެންނެވެ.

މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބު ކުރައްވަމުން ވިދާޅުވީ 14 މީހަކު ޕޮޒިޓިވްވި ކަމަށެވެ. އެއާއި އެކު މިއަދު މުޅި ޖުމްލަ 24 މީހަކު މިވަނީ މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައެވެ. މިއަދު ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ފަސް ބަންގްލަދޭޝް މީހުންނެވެ.

މިއާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 551 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.