ޒަރޫރީ ބޭނުންތަކަށް ފިހާރައަށް ދިއުމަށް 28،000 ހުއްދައެއް ދޫކޮށްފި

މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ދިއުމަށް 28.000 ހުއްދައެއް ފުލުހުން ދޫކޮށްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ފުލުހުންނާއި ހަވާލާ ދެއްވާ ވިދާޅުވީ މިހާތަނަށް މާލޭގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް 6،000 ހުއްދައެއް ދީފައިވާ ކަމަށެވެ. ސަޕޯޓު ސްޓާފުންނަށް 5،000 ހުއްދަ އެއް ދީފައިވާ ކަމަށް ފުލުހުންނާއި ހަވާލާ ދެއްވާ މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގައި އުޅަނދުފަހަރު ދުއްވުމުގެ ގޮތުން މިހާތަނަށް 4،000 ހުއްދައެއް ދޫކޮށްފައިވާ ކަމަށެވެ. ލޮކްޑައުންއާ ހިލާފުވެގެން މިހާތަނަށް 139 މީހަކު ހައްޔަރުކުރިއިރު ފުލުހުން ދޫކުރާ ހުއްދަ ނެތި މަގުމަތީގައި އުޅުނު 6 މީހަކު މިއަދުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި މުއްދަތުގައި ގެއިން ބޭރަށް ނިކުމެވޭނީ ވަކި ހާއްސަ ހުއްދައެއް ފުލުހުން ދޫކުރުމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.