ޔޫކްރެއިންގައި ތިބި 32 ކުއްޖަކަށް ރާއްޖެ އާދެވޭނެ އިންތިޒާމު ހަމަޖެހިއްޖެ

ވީއައިއޭގައި ފުރަން ގޮސް ތިބި ފަތުރުވެރިންތަކެއް - ފޮޓޯ: މިހާރު

ޔޫކްރެއިންގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ކުދިންގެ ތެރެއިން 32 ކުއްޖަކަށް ރާއްޖެ އާދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ އެ ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު ޓިކެޓްގެ ކަންކަން ހަމަޖައްސަމުންދާ ކަމަށާ ޓިކެޓަށް ފައިސާ ދައްކަނީ އެމީހުން އަމިއްލައަށް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

އެ 32 ކުދިން ރާއްޖެ އަންނައިރު ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ މި މަހުގެ 8ވަނަ ދުވަހު ޔޫކްރެއިންގެ ފްލައިޓެއް ރާއްޖެ އަންނާނެ ކަމަށް ބުނެފައެވެ. އެ ފްލައިޓު ރާއްޖެ އަންނަނީ ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން އެނބުރި ގައުމުތަކަށް ގެންދިއުމަށެވެ.

މަބްރޫކް ވިދާޅުވީ މާދަމާ ރާއްޖެއަށް ތައިލެންޑުގެ ފްލައިޓެއް އަންނާނެ ކަމަށެވެ. އެ ބޯޓު މާދަމާ ހެނދުނު 8:45 އެހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލޭންޑު ކުރާނެ ކަމަށާއި އެ ބޯޓުން 131 މީހަކު އަންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ސައުދީގައި ތިބި ދިވެހިން ކިޔަވާ ކުދިން ރާއްޖެ ގެނެވޭނެ ގޮތްތަކެއް ހަމަޖެހޭތޯވެސް މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. މިހާތަނަށް އެކަން ނުކުރެވި ވަނީ ސައުދީން ރާއްޖެ އަންނަ ފްލައިޓެއް ނެތުމުން ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިން އަދި ކޮލޮލްބޯއާ މެލޭޝިޔާގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެ ވަނީ ގެނެސްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.