ކޮވިޑް19: އޭޕްރީލް މަސް ނިމުނުއިރު 665 މިލިއަން ރުފިޔާ ހަރަދުކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ބަޖެޓް ކުޑަކުރަން ހުށަހެޅުއްވީ/ ފޮޓޯ- ހަތާވީސް

ރާއްޖޭގައި ކޮވިޑް19 އާއި ގުޅޭ ކަންކަމަށް މިދިޔަ އޭޕްރީލް މަސް ނިމުނުއިރު 665 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެ މިނިސްޓްރީން ކޮވިޑް19 އަށް ދައުލަތުގެ އިދާރާތަކުން ކުރަމުން ގެންދާ ހަރަދުތަކުގެ ތަފްސީލީ ރިޕޯޓެއް ހާމަ ކުރާނެ ކަމަށެވެ. އެގޮތުން މިއަދު ވަނީ މިދިޔަ މަހާއި ހަމައަށް ކޮވިޑް19އާ ގުޅުންހުރި ކަންކަމަށް ދައުލަތުގެ އިދާރާތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ހާމަ ކޮށްފައެވެ.

އޭގައިވާ ގޮތުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީން މިދިޔަ މަހުގެ ނިޔަލަށް 387.3 މިލިއަން ރުފިޔާ ކޮވިޑް19 ގެ ކަންކަމަށް ހަރަދުކޮށްފައިވެއެވެ. ހެލްތު މިނިސްޓްރީން 135.7 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އެމްއެންޑީއެފް އިން ފަސް މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

ފޮރިން މިނިސްޓްރީން ކޮވިޑް19 ގެ ކަންކަމަށް 3.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ 2.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. ޑިޒާސްޓާ މެނޭޖުމަންޓު ފަންޑުން 84 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ޓޫރިޒަމް އެކްޓިވިޓީޒް އިމްޕްލިމެންޓޭޝަން ފަންޑުން 15.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. އަދި ޒަކާތު ފަންޑުން ވަނީ މިދިޔަ މަސް ނިމުނުއިރު ތިން މިލިއަން ރުފިޔާ ކޮވިޑް19 ގެ ކަންކަމަށް ހަރަދު ކޮށްފައެވެ.

665 މިލިއަން ރުފިޔާއިން ހަރަދު ކޮށްފައިވާ ކަންކަން:

ސިއްހީ ސާމާނުތައް ގަތުމަށް: 94.2 މިލިއަން ރުފިޔާ

ގްރާންޓު ކޮންޓްރިބިއުޝަން އަދި ސަބްސިޑީ: 110.6 މިލިއަން ރުފިޔާ

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހެދުމަށް: 45.3 މިލިއަން ރުފިޔާ

އޮޕަރޭޝަނަލް ހަރަދުތަކަށް: 32.2 މިލިއަން ރުފިޔާ

މަރާމާތުގެ ހަރަދުތަކަށް: 6 މިލިއަން ރުފިޔާ

ސަޕްލައި އަދި ކޮންމެހެން ބޭނުންވާ ހަރަދުތަކަށް: 20.7 މިލިއަން ރުފިޔާ

ދަތުރުފަތުރުގެ ހަރަދުތަކަށް: 2.4 މިލިއަން ރުފިޔާ

ސާވިސް ޕްރޮވިޝަންސް އަށް ބޭނުންވާ ސާމާނާއި އެހެނިހެން ހަރަދުތަކަށް: 353.9 މިލިއަން ރުފިޔާ

މިދިޔަ މަހުގެ ނިޔަލަށް 665.4 މިލިއަން ހަރަދު ކޮށްފައިވާއިރު މިހާރު މިއޮތް ހާލަތު އިތުރަށް ކުރިޔަށްދާ ކަމަށްވާނަމަ ކުރިޔަށް ތިން މަސް ދުވަހަށް 1.4 ބިލިއަން ރުފިޔާ ދައުލަތުން ހޭދަ ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *