ކޮވިޑް އިން އަރައިގަތުމަށް އެންމެން އެކަތިގަނޑަކަށް ވުމަށް ގޮވާލައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނާމް މެންބަރު ގައުމުތަކުގެ ބައްދަލުވުމުގައި: ފޮޓޯ / ފޮރިން މިނިސްޓްރީ

ނުރައްކާތެރި ކޮވިޑް19 އިން އަރައިގަނެވޭނީ އެންމެން އެކު އެކީގައި މަސައްކަތްކޮށް ކަމަށާއި މިކަމުގައި އެންމެން އެކަތިގަނޑަކަށް ވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ނަން-އެލައިންޑް މޫވްމަންޓް (ނާމް)ގެ ކޮވިޑް19 ރެސްޕޮންސް ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމުގައި މިއަދު ވީޑިއޯ ކޮންފަރެންސްކޮށް މިނިސްޓަރު ޝާހިދު ދެއްވި ބަޔާނުގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު މެމްބަރު ގައުމުތަކާ ހިއްސާ ކުރައްވައި، ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ މައުލޫމާތު ދެއްވާފައެވެ.

ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަކީ މައިގަނޑު އެއް ސިނާއަތަކަށް އިގްތިސޯދު ބަރޯސާވެފައިވާ ގައުމުތަކެއްކަން ފާހަގަކުރައްވައި، ބޭރުން އަންނަ ލޮޅުންތަކުގެ އަސަރު އިގްތިސޯދަށް ވަރަށް ބޮޑަށް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ހުއްޓުމެއް އައުމާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން މިއަހަރު ދަށަށް ދާނެކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ނާމްގެ މެމްބަރުންގެ ގޮތުގައި ތިބި ކުދި ގައުމުތަކަށް ދިމާވާ މި ގޮންޖެހުންތައް ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނައުމަށް އެޖަމާއަތުގެ މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ. އަދި ވަކިން ހާއްސަކޮށް މިދަނޑިވަޅުގައި ގައުމުތަކުގެ ބޭރުގެ ދަރަނިތައް އަދާކުރުމުން މަޑުޖައްސާލުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނާމް މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ގައުމުތަކަށް ބޭނުންވާ އެހީ ހޯދުމަށާއި، ބޮޑެތި ގައުމުތަކުގެ ފަރާތުން ބޭނުންވާ ދުރުރާސްތާ އެހީ ހޯދުމުގައި ނާމް އިން އިސްދައުރެއް އަދާކުރާނެ ކަމަށް ކުދި ގައުމުތަކުން ގަބޫލުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޝާހިދު ނާމް މެންބަރު ގައުމުތަކުގެ ބައްދަލުވުމުގައި: ފޮޓޯ / ފޮރިން މިނިސްޓްރީ

މިދަނޑިވަޅުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ފަރާތުން، ހާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން، ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. ކޮވިޑް19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ނާމްގެ ޓާސްކްފޯސްއެއް އެކުލަވާލުމަށް މިސަމިޓްގައި ނިންމި ނިންމުމަށް މިނިސްޓަރު ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ނާމް މެމްބަރު ގައުމުތަކަށް މިވަގުތު ބޭނުންވާ އަސާސީ ތަކެއްޗާއި ބޭހުގެ ބާވަތްތައް މި ޓާސްކްފޯސްއާއި ހިއްސާކުރުމުން، ޓާސްކްފޯހުން އެހީދޭ ގައުމުތަކާ، ބައިނަލްއަގުވާމީ ޖަމްއިއްޔާތައް އަދި ހެޔޮއެދޭ އަމިއްލަ ފަރާތްތައް މެދުވެރިކޮށް މި އެހީތައް ހޯދުމަށް މަސައްކަތްކުރާނެއެވެ.

މީގެ އިތުރުން ކޮވިޑް19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ލީޑްކުރުމުގައި އދގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ އިން ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތް ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އެކަމުން އަރައިގަނެވޭނީ އެންމެ އެކުއެކީ ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވެ، އެންމެން އެކަތިގަނޑަކަށް ވުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

120 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ ނަންއެލައިންޑް މޫވްމަންޓަކީ އދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. ރާއްޖެއަކީ 1976 އޮގަސްޓް 15އިން ފެށިގެން ނާމްގެ ހަރަކާތްތެރި މެމްބަރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *