ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތު: ރައީސް

ރައީސް ސޯލިހު މިއަދު ގައުމާއި މުހާތަބު ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19އާ ގުޅިގެން ސަރުކާރުން އެންމެ އިސް ސިޔާސަތަކީ ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް19އާ ގުޅިގެން މިއަދު ގައުމާއި މުހާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް19 އިން ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު، ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ތިބި ހިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެހެން ނަމަވެސް އެއީ ކަމުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އަދި ގައުމީ ރޫހުގައި މަސައްކަތް ކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުން ކޮޅެއް ކަމަށެވެ.

"މި މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން،" ރައީސް ވިދާޅުވިއެވެ.

ކުރިން އަންދާޒާކުރި ހަލުވިމިނުގައި، މި ބަލި ރާއްޖޭގައި ނުފެތުރި އޮތީ، މާތްﷲ ގެ ވާގިފުޅާއެކު، ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގައި މިބަލި ކޮންޓްރޯލްކުރަން މަސައްކަތް ކުރާއިރު، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްވެސް، ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތި ވިޔަސް، އެ ފިޔަވަޅުތައް އަޅައިގެން ނޫނީ، މި ބަލި ކޮންޓްރޯލް ކުރެވެން ނެތްކަން، އެންމެންވެސް ޤަބޫލުކުރާނެ ކަމަށާއި މިކަމުގައި ދިވެހި ރައްޔިތުން މިހާތަނަށްވެސް ދެއްވަމުން އައި އެއްބާރުލެއްވުން، އެއަށް ވުރެވެސް ފުރިހަމައަށް ދެއްވުމަށް ރައީސް ވަނީ މިއަދު ގޮވާލައްވާފައެވެ.

"ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުތަސް، އިޖްތިމާއީ ގައިދުރުކަމަށް އިސްކަން ދެއްވައިގެން އުޅުއްވުމަކީ ވަރަށް މުހިންމު ކަމެއް. ކޮވިޑަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސް ނުކުރައްވައި، ކަމާ ބެހޭ ފަރާތްތަކަށް އެންގެވުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެއް. މިހާރު ކުރިމަތިވެފައިވާ ދަތިތަކާ އެކުގައިވެސް، ތިޔަ ބޭފުޅުން މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވާ. އަޅުގަނޑުމެންގެ ސިއްހީ ހިދުމަތްތެރިން، އަވަދިނެތި މަސައްކަތް އެކުރައްވަނީ، ތިޔަ ބޭފުޅުންގެ ރައްކަލަށްޓަކައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، އާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި، އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށާއި މުޅި ރާއްޖެ ލޮކްޑައުންގެ ހާލަތުގައި އޮތަސް، ދައުލަތެއްގެ ގޮތުގައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މުޅި ރާއްޖެއިން މިހާތަނަށް 541 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެއީ 185 ދިވެހިންނާއި 356 ބިދޭސީންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.