ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ހިދުމަތުން ރިޓަޔާ ކުރައްވައިގެން ތިއްބެވި ސިއްހީ ހިދުމަތްތެރިންނާއި ވަގުތީ ގޮތުން ހިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބައެއް ބޭފުޅުންގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހު މިއަދު ގައުމާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް ރާއްޖެ މިއަދު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. ހިދުމަތުން ރިޓަޔާ ކުރައްވައިގެން ތިއްބެވި ސިއްހީ ހިދުމަތްތެރިންނާއި ވަގުތީ ގޮތުން ހިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބޭފުޅުން އެނބުރި ހިދުމަތަށް ވަޑައިގެންނެވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

“މިއީ ތިޔަ ބޭފުޅުން އެނބުރި ހިދުމަތަށް ވަޑައިގަންނަވަންވީ ވަގުތޭ. ގައުމު މިއަދު ތިޔަ ބޭފުޅުންގެ ހިދުމަތަށް ނުހަނު ބޮޑަށް ބޭނުންވޭ. އަދި ސިއްހީ ހިދުމަތްދޭ ޕްރައިވެޓް ތަންތަނުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އެހީތެރިކަން ވެސް މިވަގުތު ވަރަށް ބޮޑަށް ބޭނުންވޭ،” ރައީސް ވިދާޅުވިއެވެ.

މާލޭގައި މިބަލި ކޮންޓްރޯލްކުރަން މަސައްކަތް ކުރާއިރު، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްވެސް، ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހޭ ކަމަށާއި އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. ރަށްރަށުން މާލެ އަށް، އަދި މާލެއިން އެހެން ރަށްރަށަށް، މީހުން ދަތުރުކުރުން ހުއްޓައިލަން ޖެހުނީ ވެސް އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.