އަންނަ ހަފްތާގައި 1،500 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލަނީ

ބިދޭސީން މަސައްކަތް ކުރަނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން 1،500 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމާއި މުހާތަބު ކުރައްވާ މިއަދު ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި މިހާރު ކޮވިޑް19 ފެތުރެމުންދާ ގޮތަށް ބަލާއިރު، އެ ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި ކަމަށެވެ. އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެސް އެއީކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެކަމަށް ހައްލެއް ހޯދުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިއަދު ގައުމާއި މުހާތަބު ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

“އަދި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބީދޭސީން އެމީހުންގެ ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް މިއަންނަނީ ކުރަމުން. ބަނގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ޤައުމުގެ 1500 މީހަކު، އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ،” ރައީސް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ ކަމަށާއި އެކަމަކީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖެއިން މިއަދު ޕޮޒިޓިވްވި 14 މީހުންނާއި އެކު ޖުމްލަ 541 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެމީހުންގެ ތެރެއިން އެންމެ ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.