ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި މާލޭގެ ހާލަތު އިތުރަށް ގޯސްވެދާނެ: ރައީސް

މީގެކުރިން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

މާލެއިން ކޮވިޑް19 ފެނިފައިވާއިރު ކުރިޔަށް އޮތް ދެ ހަފްތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ކޮވިޑް19 އިން ރައްކާތެރިވުމަށް، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު، ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މި މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަނީ، މި ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް އަލުން ފަށައި، ދިރިއުޅުމުގެ އާންމު ހާލަތަށް ދެވޭތޯ ކަމަށް ރައީސް ވިދާޅުވިއެވެ.

“ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު ވަޒަންކުރައްވާ ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރައްވަނީ، ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ހާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް،” ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާއަކީ ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ދުވަސްކޮޅުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދުވެސް އެހާމެ ބޮޑު ކަމަށެވެ.

މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް މި ކުރާ މަސައްކަތް، ކޮންޓްރޯލުން ނެއްޓިގެނެއް ނުދާ ކަމަށާއި ސިއްހީ ހިދުމަތްތެރިންގެ އުންމީދެއްވެސް ނުގެއްލޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.