ގާނޫނުއަސާސީ އިސްލާހު ނުކޮށް ކައުންސިރުންގެ ދައުރު ދަންމާލުމަކީ ހެދޭ ގޯހެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވި މިހާރު ހިނގަމުންދާ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ކުރުމަކީ 19ވަނަ ރައްޔިތުންގެ މަޖިލީހަށް ހެދިގެން ދާނެ ވަރަށް ބޮޑު ގޯހެއް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ނުބޭއްވުމުގެ ސަބަބުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ހާއްސަ ބިލަށް ބަހުސް ކުރައްވަމުން މިއަދުގެ މަޖިލިސް ޖަލްސާގައި ޝިޔާމް ވިދާޅުވީ މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބަހައްޓަން ޖެހޭ ކަމަށް ހުދު އޭނާވެސް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަން ޖެހޭނީ ގާނޫނަކުން ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ޝިޔާމް ވަނީ ގާނޫނު އަސާސީގައި ލާމަރުކަޒީ ގޮތުން ރާއްޖޭގެ ރަށްތައް ހިންގަންވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާތަކާއި އެއާއި ގުޅޭ އެހެން ބައެއް މާއްދާތައް ހިއްސާ ކުރައްވާފައެވެ.

“މިހާ ސާފުކޮށް ގާނޫނުއަސާސީގައި މިފަދައިން ބުނެފައި އޮއްވާ ގާނޫނުއަސާސީ އިސްލާހު ނުކޮށް މިކަން ކުރެވިގެން ހިނގައިދާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އިއްޒަތްތެރި ރައީސް ގާނޫނުއަސާސީގެ 268ވަނަ މާއްދާގައި ވަރަށް ސަރީހަކޮށް ބުނެފައި އެބަވޭ ދިވެހިރާއްޖޭގައި ހަދާ އެންމެހާ ގާނޫނުތައް ހަދަން ވާނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނޭ. މި ގާނޫނުއަސާސީން ލާޒިމް ކުރާ އެންމެހާ ކަންކަން ފުރިހަމަ ކުރަންވާނޭ. މި ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިއަސް ވާނީ ބާތިލް އެއްޗަކަށްށޭ،” ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވަނީ މިހާރު މިއޮތް ހާލަތަކީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭ ހާލަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ރާއްޖޭގައި އިއުލާން ކޮށްފައިވަނީ ގާނޫނުއަސާސީގެ 253ވަނަ މާއްދާގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށާއި މިހާރު މަޖިލީހުގެ ޖަލްސާތައް ވެސް ބާއްވަނީ އޮންލައިންކޮށް ކަމަށާއި އެހެންކަމުން ހަމަ އެ މާހައުލުގައި ގާނޫނުއަސާސީވެސް ބަދަލު ކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

“ގާނޫނުއަސާސީ ބަދަލު ނުކޮށް މިކަން ކޮށްފި ކަމަށް ވަނީ ނަމަ މި ކުރެވެނީ ބާތިލް ކަމެއް. މިއީ ގާނޫނުއަސާސިއާ ހިލާފު ކަމެއް،” ޝިޔާމް ވިދާޅުވިއެވެ.

ހަސަން ލަތީފު ހުށަހެޅުއްވި ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގެންފައެވެ. އަދި ބިލު ދިރާސާ ކުރުމަށް ވަނީ ލާމަރުކަޒީ ކޮމެޓީ އަށްވެސް ފޮނުވާފައެވެ. އެ ބިލަކީ މިހާރު ހިނގަމުންދާ ކައުންސިލުގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނެސް ދިނުމަށް ހުށަހެޅި ބިލެކެވެ.

އެ ބިލުގައި ބުނެފައިވަނީ މިހާރު ތިބި ކައުންސިލަރުން އައު ކައުންސިލެއް އިންތިހާބު ކުރެވެންދެން މަގާމުގައި ދެމި ތިބޭނެ ކަމަށެވެ. އެގޮތަށް އެކަން ނިންމީ ކައުންސިލް އިންތިހާބު ބާއްވަންޖެހޭ ދުވަހު ނުބޭއްވުމުގެ ސަބަބުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ ގާނޫނީ ހުސްކަމަކަށް އެ މަގާމުތައް ދާނެތީއެވެ.

އޭގައިވާ ގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށްވާ އިރު، ގާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ގާނޫނުއަސާސީން ލާޒިމް ކުރާ ގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި، އާ ކައުންސިލްތައް އިންތިހާބުވުމާ ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްތައް ދެމިއޮވެގެން ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.