އުޅެންވީ އާ ގޮތްތަކާއެކު މާލެ ހުޅުވާލަން އާޒިމް ގޮވާލައްވައިފި

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް

ރައްޔިތުން އުޅެންވީ އާ ގޮތްތަކަކާ އެކު މާލެ ހުޅުވާލަން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ އާ ދިރިއުޅުމަކާ އެކު މާލެ ހުޅުވާލަންޖެހޭ ކަމަށާއި އެހެން ނޫންނަމަ، ރައްޔިތުންގެ ހާލުގައި ޖެހޭނެ ކަމަށެވެ.

"ކޮންމެވެސް ވިސްނުމެއްގެ ތެރެއިން އަޅުގަނޑުމެން މިކިޔާ އާ ދިރިއުޅުން، ރައްޔިތުން އެކަކު އަނެކަކާ ދުރުގަ އުޅެގެން، ކައިރިނުވާ ގޮތަށް ފިހާރަ ފިހާރައަށް ފަހަރަކު މީހަކު ވަންނަ ގޮތަށް، މާސްކް އަޅައިގެން އުޅޭ ގޮތަށް. ކޮންމެ ވެސް އާ ކަންތައްތަކެއްގެ ތެރެއިން މި މާލެ ހުޅުވާނުލައެއް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުން އެއް ދުވަހުން އަނެއް ދުވަހަށް ދަތިތަކާ ކުރިމަތިލަމުން ދާނެ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުން ކަމަށާއި ނަމަވެސް ބަލިމަޑުކަމުގެ އިތުރުން އެހެން ބައިވަރު ސަބަބުތަކާ ހުރެ އަޅުގަނޑުމެން "ހަލާކުވެދާނެތީ" ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއަށް ލަފާދޭ، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ރައްޔިތުން ހޭލުންތެރިކޮށް، މަގުމައްޗަށް ނުކުމެވޭނެ ގޮތެއް ބުނެދޭންޖެހޭ ކަމަށެވެ.

"މިހެން ތިބެވޭކަށް ނެތް. އެ ޓީމުން ބުނެދޭން އެބަޖެހޭ މަގުމައްޗަށް ނުކުމެވޭނެ ގޮތެއް. ރައްޔިތުން އެބަ ހޭލުންތެރި ކުރުވަން އެބަޖެހޭ. ހޭލުންތެރި ނުކުރުވައި އަޅުގަނޑުމެން މިހެން ތިބޭހާ ދުވަހަކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދާނީ ދަށަށް،" މެދުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުއީ ކޯޓުތައް ހުޅުވާލަންޖެހޭ ކަމަށް ފާހަގަ ކުރައްވައި، އާޒިމް ވިދާޅުވީ ޝަރުއީ ކޯޓަކާ ނުލައި ކައިވެނި ކުރެވެން ނެތް ކަމަށާއި މާލީ ނިންމުންތައް ވެސް ނިންމެން ނެތް ކަމަށެވެ. ރާއްޖޭގެ ބޭންކުތައް ހަފްތާއެއްގެ ވަކި ދުވަސްތަކުގައި ހުޅުވާލައިގެން ހިދުމަތްދޭ ދޭ ގޮތަށް ކޯޓުތައް ވެސް ވަކި ދުވަސްތަކެއްގައި ހުޅުވާލަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *