ކައުންސިލަރުންގެ ދައުރު ދަންމާލާ ބިލު މިހާރު އޮތް ގޮތުން ގާނޫނުއަސާސީއާ ހިލާފު: ރޮޒެއިނާ

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކްލަ ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވުމުގެ ސަބަބުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ހުށަހަޅާފައިވާ އޮތް ބިލު "މިހާރު އޮތް ގޮތުން" ގާނޫނުއަސާސީއާ ހިލާފު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ބިލަކީ މިހާރު ހިނގަމުންދާ ކައުންސިލުގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނެސް ދިނުމަށް ހުށަހެޅި ބިލެކެވެ. އެ ބިލުގައި ބުނެފައިވަނީ މިހާރު ތިބި ކައުންސިލަރުން އައު ކައުންސިލެއް އިންތިހާބު ކުރެވެންދެން މަގާމުގައި ދެމި ތިބޭނެ ކަމަށެވެ. އެގޮތަށް އެކަން ނިންމީ ކައުންސިލް އިންތިހާބު ބާއްވަންޖެހޭ ދުވަހު ނުބޭއްވުމުގެ ސަބަބުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ ގާނޫނީ ހުސްކަމަކަށް އެ މަގާމުތައް ދާނެތީއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެބިލުގައި އޭނާ އަށް ފާހަގަކުރެވުނު ކަންކަމާއި ގުޅޭ ގޮތުން އެޓާނީ ޖެނެރަލްއާ ވެސް އަދި މަޖިލީހުގެ ކައުންސިލަރު ޖެނެރަލްއާވެސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެބޭފުންގެ ވެސް ހަމަ އެ ވިސްނުން ހުރިކަން ފާހަގަކުރެވުނު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ކަނޑައެޅިގެން ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރަކީ ތިން އަހަރު ކަމަށް ލިޔެވިފައި އޮއްވާ، ސިމްޕަލް މެޖޯރިޓީ އަކުން ފާސްކުރާ ގާނޫނަކުން އެ މުއްދަތު ބަދަލުނުކޮށް އެ މުއްދަތު އިތުރެއް ނުކުރެވޭނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ހާއްސަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"ސިމްޕަލް މެޖޯރިޓީއަކުން ގާނޫނަކުން މެންބަރުން މި ބުނަނީ މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ދިގު ދެމިގެން ދިޔައީއޭ އެއް އަހަރު ދުވަހަށް. ހާލަތު އޮތް ގޮތުން ގާނޫނުއަސާސީ ބަދަލު ނުކުރެވެންޏާ އޭގެ މާނައަކީ އަޅުގަނޑުމެން ގާނޫނުއަސާސީއާ ދެކޮޅަށް ހިނގަން ފަށަންވީތޯ. ހާލަތު އޮތް ގޮތުން ބަދަލު ނުކުރެވޭތީއޭ ކިޔާފައި. އަޅުގަނޑަށް ފެންނަ ތަނުގައި ހާލަތު މިހާރު އޮތް ގޮތުން ބަދަލު ނުކުރެވެންވީ ސަބަބެއް ވެސް ނެތް،" ރޮޒެއިނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އިތުރަށް ބިލަށް ބަހުސް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ އޭނާގެ ކަންބޮޑުވުމަކީ މިހާރު ގާނޫނު ބައްޓަން ކުރެވިފައި އޮތް ގޮތުން ވަރަށް ގޯސް "ޕްރިސިޑަންޓެއް ސެޓް" ކުރެވިގެން ހިނގައިދާނެތީ ކަމަށެވެ. އެހެން ވިދާޅުވި ސަބަބު ހާމަކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ގާނޫނުއަސާސީ ބަދަލު ކުރުމަށް މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި، ބޭނުންވާ ކަމަށާއި އެހެންނަމަވެސް ސިމްޕަލް މެޖޯރިޓީއަކުން ފާސްކުރާ ގާނޫނެއް ފާސް ކުރުމަށްޓަކައި ކޯރަމް އޮވެމެ ވޯޓިން ކޯރަމް އޮތުމުން ނިމުނީ ކަމަށެވެ.

"އޭގެ ދެބައިކުޅަ އެއްބައި މީހުން ވޯޓު ލީމަ އެބަ ފާސްކުރެވޭ. އެހެންވީމަ އެވަރުގެ އަދަދަކުން އިންތިހާބުވެފައި ތިބި ބައެއްގެ މުއްދަތު ދިގު ދަންމާލުމަށް އަޅުގަނޑުމެން ފާސްކުރާނީތޯ މިއީ މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިއޮތް ސުވާލަކީ މިބިލު މިހާރު ބައްޓަން ކުރެވިފައި އޮތް ގޮތުން. އަޅުގަނޑަށްވެސް ފެންނަ ގޮތުގައި ދުނިޔޭގެ އާއްމު އުސޫލުން ކަން ކުރާ ގޮތުގައި އިންތިހާބަށް ނުބޭއްވޭ ކަހަލަ މިކަހަލަ ދަނޑިވަޅެއްގައި އޭރަކު އިންތިހާބު ކުރެވިފައި ތިބި ބައެއްގެ މުއްދަތު އިންތިހާބެއް ބޭއްވެންދެން ދިގު ދެންމުން ޑިމޮކްރަސީގެ އުސޫލެއްގެ ގޮތުގައި އޮންނަނީ. ބަޔަކު އައްޔަން ކުރުމަކޫ ޑިމޮކްރަސީގެ އުސޫލާއި ހަމަގައުމުގެ ހިލާފުވާނެ ކަމެއް. އެހެންކަމުން އަޅުގަނޑަކަށް ޑިމޮކްރަސީގެ އުސޫލުން ދާކަމަށް ވަންޏާ މިހާރު ތިއްބެވި ކައުންސިލަރުންނާއި އެކީގައި ނޫނީ ކުރިޔަށް ދިއުމަކަށް ނުފެނޭ،" ރޮޒެއިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ބިލުގެ އިބާރާތްތައް ކުރެވިފައިވާ ގޮތުން ފެންނަނީ ގާނޫނުއަސާސީގައި ބުނާ ތިން އަހަރު އިތުރު އެއް އަހަރަށް އިތުރު ކުރެވި ކައުންސިލަރުންގެ ދައުރު ނުވަތަ އުމުރު ހަތަރު އަހަރަށް އިތުރުވެގެން ދާތަން ކަމަށެވެ. ބިލު މިހާރު އޮތް އިބާރާތްތައް އެހެން ގޮތަކަށް ބަދަލުކޮށްގެން ނޫނީ ކުރިޔަށް ދެވޭނެ ހާލަތެއް އޭނާއަށް ނުފެންނަ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *