މުވައްޒަފުން ވަކި ކުރާނަމަ ޖޫރިމަނާ ކުރަނީ

ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ --

ކޮވިޑް19 ގައި ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުގައި ބައިވެރިވާ ވިޔަފާރި ކުންފުނިތަކުން މުވައްޒަފުން ވަކި ކުރާނަމަ ޖޫރިމަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ހުށަހަޅައިފިއެވެ.

ކޮވިޑް19 ގެ ސަބަބުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ތައާރަފު ކުރާ ޕެކޭޖްތަކުގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ ގޮތުން ސަރުކާރަށާއި މުއައްސަސާތަކަށް މަޖިލީހުން ފޮނުވާ ލަފާގައި ހިމަނަން އިޖްތިމާއީ ކޮމިޓީން ހުށަހަޅާ ކަންކަން ހިމަނައި އެ ކޮމިޓީގެ ރިޕޯޓް ބުނެފައި ވަނީ ރިލީފް ޕެކޭޖުގެ ދަށުން ކުންފުނިތަކަށް ނުވަތަ އަމިއްލަ ވިޔަފާރިތަކަށް ފައިސާ ލިބުމުން ޖޮބް ސެންޓަރުތައް މެދުވެރިކޮށް މުވައްޒަފުންގެ ހާލަތުވެސް ބަލަން ޖެހޭނެ ކަމަށެވެ.

އަދި ރިލީފް ޕެކޭޖުން ދޫކުރާ ފައިސާ އެއްފަހަރާ އެކު އެކީގައި ދޫ ނުކުރުމަށް އެ ކޮމެޓީން ވަނީ ހުށަހަޅާފައެވެ. އެ ފަރާތްތަކުން މުވައްޒަފުން ވަކިކުރުމާއި މުސާރަ އުނިކުރުމާއި މުވައްޒަފުންނާ މެދު އިހާނެތިކޮށް އެއްވެސް ކަމެއް ކުރަމުން ގެންދާނަމަ ދޫކުރެވިފައިވާ ފައިސާގެ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނެގުމަށް ކޮމިޓީގެ ހުށަހެޅުންތަކުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން އެޕާޓްމަންޓް ނޫނީ ގެ ކުލި ނުދެއްކޭ ފަރާތްތަކަށާއި ތައުލީމު ހޯދަމުންދާ ދަރިވަރުންނަށް އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ލުއިތަކެއް ހަމަޖެއްސުމަށް ވެސް އިޖްތިމާއީ ކޮމިޓީން ބައެއް ކަންކަން ހުށަހަޅާފައިވެއެވެ.

ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގެ ދަށުން ކޮވިޑް19 އާއި ގުޅިގެން ހީނަރުކަން ލިބިފައިވާ ވިޔަފާރިތަކަށް ހަމަހުގެ ގްރޭސް ޕީރިއަޑަކާއި އެކު ތިން އަހަރު ދުވަހުން ދައްކާ ގޮތަށް ހަ ޕަސެންޓުގެ އިންޓްރެސްޓުގައި ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެއްވެސް މުވައްޒަފެއްގެ ވަޒީފާ މިހާރު ހުރި ހާލަތުން ބަދަލު ނުކުރުމަށް ވަނީ ޝަރުތު ކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ވަޒީފާތަކަށް ބަދަލުތައް އައިސްގެން 1،300 އަށްވުރެ ގިނަ މީހުން ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެސް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.