ހަމަޖެހިލާކަށް އަދި ނުވޭ، ކުއްލިއަކަށް އަދަދުތައް މަތިވެދާނެ: ޑރ. އަފްޒަލް

އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ވޭތުވެދިޔަ ތިން ދުވަހު ޕޮޒިޓިވް ކޭސްތައް މަދުން ފެނުނު ނަމަވެސް، ކުއްލިއަކަށް ބޮޑު ކްލަސްޓާއެއް ފެނި އަދަދުތައް މަތިވެގެން ހިނގައިދާނެ ކަމަށް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ގިނަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.  ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކުއްލިއަކަށް ހުރެފައި ކޮވިޑް19 ކޭސްތައް އިތުރުވުން އެކަށީގެންވާ ކަމަށެވެ. އަދި އެ ބަލި ނުފެނިދާނެ ކަމަށް ހީކޮށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން އަތް ދޫކޮށްލާ ހަމަޖެހިލެވެން އަދި ނެތް ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

"އަދި ރިލެކްސް ވާކަށް އެއްގޮތަކަށް ވެސް ނުބުނާނަން. ވޭތުވެދިޔަ ތިން ދުވަހު މަދުން ކޭސްތައް ފެނިފައިވީ ނަމަވެސް ހަމަ ވަރަށް ބޮޑަށް އެކަށީގެންވޭ ކުއްލިއަކަށް ބޮޑު ކްލަސްޓާއެއް ފެނިގެން ނަމްބަރުތައް މަތިވުމުގެ ފުރުސަތު" އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ތޮއްޖެހިގެން ބިދޭސީން އުޅެމުންދާ ތަންތަން ބަލަމުންދާ ކަމަށާއި އެގޮތުން އެފަދަ 23 ތަނުގެ ތެރެއިން އަދި މިހާތަނަށް ރަނގަޅަށް ބެލިފައިވަނީ ހަތް ވަރަކަށް ސައިޓު ކަމަށެވެ.

"އެހެންވީމަ ބާކީ ހުރި ސައިޓުތައް އިންވެސްޓިގޭޓް ކުރަމުންދާއިރު ވަރަށް ބޮޑަށް އެކަށީގެންވޭ އިތުރު ބޮޑެތި ކްލަސްޓާޒްތައް އައުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 527 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ 181 ދިވެހީންނާއި 346 ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިންވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މި ބައްޔަށް މިހާތަނަށް 268 ބަންގްލަދޭޝް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *