އދ.ފެންފުށީގައި ފުލުހުންނަށް ބިރު ދެއްކި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 11:30 ހާއިރު ފެންފުށީގައި ހަތް މީހުންގެ ގްރޫޕަކުން ފުލުހުންނަށް އިންޒާރުދީ ފުލުހުންގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ބިރު ދެއްކި މައްސަލައެއްގައި ރޭ އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި ހަ މީހުން މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރާއި، 34 އަހަރާއި، 37 އަހަރާއި، 32 އަހަރާއި، 31 އަހަރާއި، 22 އަދި 27 އަހަރުގެ ދިވެހި ފިރިހެނުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ފެންފުށީގައި މަސްތުވާތަކެތި ބޭނުންކުރާ ބަޔަކު މަގުމަތިން ހުއްޓުވައި ޗެކް ކުރުން ގިނަވުމާއި، މާލެ ނުވަތަ އެހެން ރަށަކުން ފެންފުއްޓަށް އަންނަ ފޮށިގަނޑުތަކުގެ ތެރޭގައި އެ މީހުންނަށް ނިސްބަތްވާ ތަކެތި މާގިނައިން ޗެކް ކުރާ ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެން ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ބިރު ދައްކާ އެތަނުގެ ދޮރު ހަލާކުކޮށްލުމާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
މި ހަތް މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އޮމަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ ދެ މީހަކަށް ފަސް ދުވަސް، އަދި ފަސް މީހެއްގެ ބަންދަށް 10 ދުވަސް ޖަހާދީފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.