އެޗްޕީއޭގެ ވެބްސައިޓު ހެކް ކުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއް: މަލީހް

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު: ފޮޓޯ / މިހާރު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓު ހެކް ކުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭގެ ވެބްސައިޓު މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެ އެޖެންސީގެ ވެބްސައިޓު ހެކް ކުރުމަކީ ނާތަހުޒީބު އަދި ފިނޑި އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ވިދާޅުވީ ތަހުގީގީ އިދާރާތަކާއި ގުޅިގެން އެ މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އެޗްޕީއޭގެ ވެބްސައިޓު ހެކް ކޮށްފައިވާއިރު އެކަން ކުރި ބަޔަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ވީޑިއޯ އެއް އެޗްޕީއޭގެ ވެބްސައިޓަށް އަޕްލޯޑު ކޮށްފައެވެ. އެ ވީޑިއޯގައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވެސް އެ ވީޑިއޯގައި ފާޑު ކިޔާފައިވާއިރު އެ ސިޔާސަތުތައް ބަދަލު ނުކުރާނަމަ ސަރުކާރުގެ ނެޓްވޯކުތަކާއި ފައިނޭޝަލް އިންފްރާސްޓްރަކްޗާ ހަލާކޮށްލާނެ ކަމަށް ބުނެ ވަނީ އިންޒާރުވެސް ދީފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަންކަން ނުކުރާ ކަމަށެވެ. އަދި އިންޑިއާގެ “ފޭޝިސްޓު ސަރުކާރުން” މި ގައުމުގެ މައްޗަށް ވެރިވެގެންފައިވާ ކަމަށް އެ ވީޑިއޯގައި ބުނެފައިވެއެވެ. ސަރުކާރުގެ ވުޒާރާތަކުން ރައްޔިތުންނަށް އޮޅުވާލައި ދޮގު މައުލޫމާތު ދެމުންދާ ކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *