އަނެއްކާވެސް ތުލުސްދޫ އިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެއްޖެ

ކ. ތުލުސްދޫ --

ކ. ތުލުސްދޫ އިން އަނެއްކާވެސް ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މީގެކުރިންވެސް ކޮވިޑް19 އަށް އެރަށުން ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު އެފަހަރު ޕޮޒިޓިވްވީ ދިވެއްސަކާއި ބިދޭސީއެކެވެ. އެ ދެ މީހުންނަކީ އެރަށު ކޮންޓްރެކްޓު މަސައްކަތް ކުރާ ކުންފުންޏެއްގެ ދެ މީހުންނެވެ. އެ މީހުންނަށް ބަލި ޖެހުނީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ. މިފަހަރު ކޮވިޑް19 އަށް ޕޮޒިޓިވްވީ ބިދޭސީއެކެވެ. މިކަން ވަނީ "ހަތާވީސް އޮންލައިން" އަށް އެރަށު ޓާސްކް ފޯސްގެ އޮފިޝަލަކު ކަށަވަރު ކޮށްދީފައެވެ.

ތުލުސްދޫ އިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއަކީ މިއަދު އެ ބައްޔަށް ޕޮޒިޓިވްވި 8 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފަސް ދިވެއްސަކާއި ބަންގްލަދޭޝް ތިން މީހަކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.