ކޮވިޑްއާ ގުޅުންހުރި ހަރަދުތައް ކުރާއިރު ކޮރަޕްޝަން ކުޑަކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފި

ފިނޭންސް މިނިސްޓްރީ ---

ކޮވިޮޑް19 އާއި ގުޅުންހުރި ހަރަދުތައް ކުރާއިރު ކޮރަޕްޝަންގެ އަމަލުތައް ވީހާވެސް ކުޑަކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލާ އެކަން ދައުލަތުގެ ހުރިހާ އޮފީސްތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ނިންމާ ނިންމުތަކާ ގުޅޭ ތަފްސީލު ލިޔެކިޔުމުން ފެންނަން ހުންނަންވާނެ ކަމަށާއި ކޮވިޑް-19އާ ގުޅިގެން ކުރަމުންދާ ހުރިހާ ހަރަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީއަށް ރިޕޯޓު ކުރަމުންދާކަން އިދާރާތަކުގެ ފައިނޭންސް އެގްޒެކެޓިވުން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

އިމަޖަންސީކޮށް އެއްވެސް އެއްޗެއް ބަލައިގަންނައިރު ނުވަތަ އެއްވެސް އެއްބަސްވުމެއް އިމަޖަންސީ ހާލަތެއްގައި ހަދަން ޖެހޭއިރު އެކަންކަން ކުރާނީ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ފިނޭންސް އިން ބުނެފައިވެއެވެ. ކާރިސާގެ ހާލަތުގައި ތަކެއްޗާއި ހިދުމަތް ހޯދަނީ މި ވަގުތަށް ބަލާފައި އެކަށީގެންވާ އަގެއްގައި ކަން ކަށަވަރު ކުރުމަށްވެސް އެ ސާކިއުލާގައި އަންގާފައިވެއެވެ. އަދި މިފަދަ ހާލަތެއްގައި ދައުލަތަށް ހިދުމަތާއި ތަކެތި ހޯދަނީ އާންމުންގެ ފުރާނައާއި ރައްކާތެރިކަން ޔަގީން ކުރުމަށްކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މަސައްކަތްތައް ކުރާއިރު އެ މަސައްކަތުގައި ޒިންމާވާ ފަރާތްތައް ވެސް ކަނޑައަޅަން ޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. ތަކެތި ހޯދާއިރު ވަގުތުތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ނުހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން މިފަދައިން ބުނެފައި މިވަނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖެ އަށް 200 ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީން ބިޑު ނުކޮށް އެތަކެތި ގެނައުމަށް ނިންމާފައިވާތީ އެކަމަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.