އިންޒާރުގެ މެސެޖުތަކާއި އެކު އެޗްޕީއޭގެ ވެބްސައިޓު ހެކްކޮށްލި މައްސަލަ ބަލަނީ

އެޗްޕީއޭގެ ވެބްސައިޓު ހެކްކޮށް އެ ވެބްސައިޓުން ފެންނަ ގޮތަށް ހަދާފައިވާ އިންޒާރުގެ ވީޑިއޯގެ ސްކްރީންޝޮޓެއް --

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވެބްސައިޓު ހެކް ކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެޗްޕީއޭގެ ވެބްސައިޓު ހެކް ކޮށްފައިވާއިރު އެކަން ކުރި ބަޔަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ވީޑިއޯ އެއް އެޗްޕީއޭގެ ވެބްސައިޓަށް އަޕްލޯޑު ކޮށްފައެވެ. އެ ވީޑިއޯގައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވެސް އެ ވީޑިއޯގައި ފާޑު ކިޔާފައިވާއިރު އެ ސިޔާސަތުތައް ބަދަލު ނުކުރާނަމަ ސަރުކާރުގެ ނެޓްވޯކުތަކާއި ފައިނޭޝަލް އިންފްރާސްޓްރަކްޗާ ހަލާކޮށްލާނެ ކަމަށް ބުނެ ވަނީ އިންޒާރުވެސް ދީފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަންކަން ނުކުރާ ކަމަށެވެ. އަދި އިންޑިއާގެ "ފޭޝިސްޓު ސަރުކާރުން" މި ގައުމުގެ މައްޗަށް ވެރިވެގެންފައިވާ ކަމަށް އެ ވީޑިއޯގައި ބުނެފައިވެއެވެ. ސަރުކާރުގެ ވުޒާރާތަކުން ރައްޔިތުންނަށް އޮޅުވާލައި ދޮގު މައުލޫމާތު ދެމުންދާ ކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.