ފަސް ދިވެހިންނާއި ބަންގްލަދޭޝް ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ރާއްޖެއިން އަނެއްކާވެސް އިތުރު 8 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފަސް ދިވެއްސަކާއި ތިން ބަންގްލަދޭޝް މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދުގެ މިހާތަނަށް އަދި ޕޮޒިޓިވްވީ 8 މީހެކެވެ. އެޗްޕީއޭ އިން ބުނީ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ ލިބެމުންދާ ވަރަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ގިނަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.