ހޯމް އައިސޮލޭޝަން ނިންމުމަށްފަހު މިނިސްޓަރު މަހްލޫފު އަނެއްކާވެސް ޑެލިވަރީ ކުރުމުގައި!

މިނިސްޓަރު މަހްލޫފު އާއްމު ރައްޔިތުންނަށް ޑެލިވަރީ ކޮށްދިނުމުގައި: ފޮޮޓޯ / ޓްވީޓާ

އިހުސާން ފިހާރައިގެ ޑެލިވަރީގައި އުޅުމުގެ ތެރޭގައި އެ ފިހާރައިގެ ދެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު ހޯމް އައިސޮލޭޝަން ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ހޯމް އައިސޮލޭޝަން ނިންމާ އަނެއްކާވެސް އާއްމުންނަށް ޑެލިވަރީ ކޮށްދިނުމަށް ނިކުމެވަޑައިގެންފިއެވެ.

އިހުސާން ފިހާރައިގެ ޑެލިވަރީގައި މިނިސްޓަރު މަހްލޫފު ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި އިހުސާން ފިހާރައިގެ ޑެލިވަރީގައި މިނިސްޓަރު މަހްލޫފު ހަރަކާތްތެރިވިއިރު އެމަނިކުފާނު ވަނީ އެ ފިހާރައިގެ ޑެލިވަރީގައި ހަރަކާތްތެރިވާނެ އިތުރު ބަޔަކުވެސް އެމަނިކުފާނާއި އެކު ބައިވެރި ކުރުވާފައެވެ.

ނަމަވެސް މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިހުސާން ފިހާރައިގެ ދެ މުވައްޒަފުން ވެސް ހިމެނުނެވެ. އެމީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުމާއި އެކު މިނިސްޓަރު މަހްލޫފު ވެސް ޑެލިވަރީ ކުރުން މަޑުޖައްސާލުމަށްފަހު ހޯމް އައިސޮލޭޝަނަށް ވަޑައިގަތެވެ. އައިސޮލޭޝަން ނިންމާ އަނެއްކާވެސް މިނިސްޓަރު މަހްލޫފު މިވަނީ ޑެލިވަރީއަށް ނިކުންނަވާފައެވެ.

މިނިސްޓަރު މަހްލޫފުގެ އިތުރުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ބައްދަލުވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ސެލްފް އައިސޮލޭޝަން ވަނީ ނިންމާފައެވެ. ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިނިސްޓަރު ފައްޔާޒު ވަނީ އައިސޮލޭޝަން ނިމިފައިވާ ކަމަށާއި އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ފައްޔާޒު އާއި މަހްލޫފްގެ އިތުރުން ދެން އައިސޮލޭޝަންގައި ހުންނެވީ ކޮން މިނިސްޓަރެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.